ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނީ މި އަހަރު ނިމުމުންނެވެ. އެކަމަށް އެދިވަޑައިގެން އޭނާ ޖޭއެސްސީއަށް ސިޓީ ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހަޅުއްވި މައްސަލައާ ގުޅޭގޮތުން ޖޭއެސްސީން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި ފަނޑިޔާރުކަމުގެ މަގާމުން އޭނާ ރިޓަޔާކުރައްވަން އެދިވަޑައިގެންނެވި ވަކި ސަބަބެއްވެސް ސާފެއް ނުވެއެވެ.
އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި 5 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުވެސް ބެލެހެއްޓެވި ގާޒީއެވެ.
އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވީ މީގެ 6 އަހަރު ކުރިންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނު ނަމަވެސް، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާއިރު، މީގެކުރިން އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާންވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރިޓަޔާކުރައްވައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.