މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން ޢާންމުކޮށް ހުޅުވާލައިފިއެވެ.
އެމްޓީސީސީން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަދި މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ޙައިޘިއްޔަތުން ސަރުކާރުގެ ފަރާތުން 5 ޑިރެކްޓަރުން ކަނޑައަޅަންޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ފަރާތުން ބޯޑުގައި ތިއްބަވަންޖެހެނީ އިންތިޚާބުކުރެވޭ 2 ޑިރެކްޓަރުންނެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފައިވާ ފަދައިން، ޑިރެކްޓަރުންގެ ބޯޑުގެ މަޤާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލައްވައި، އިންތިޚާބުގައި ވާދަކުރެއްވުމަކީ އެ ކުންފުނިން ނުހަނު ބާރުއަޅާ ކަމެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ކުންފުނީގެ ހިންގާ ޤަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން ކަނޑައެޅިފައިވާ އެހެނިހެން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
އެމްޓީސީސީން ބުނީ، ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން އެއް ޑިރެކްޓަރަކު މިހާރު ވާނީ އަހަރީ ޢާންމު ޖަލްސާގައި އިންތިޚާބުކޮށްފައި ކަމަށެވެ. އަދި މިފަހަރު އިޢުލާނުކުރެވިފައިވަނީ ޢާންމު ޙިއްޞާދާރުންގެ ފަރާތުން ބޯޑުގައި އިންނަވާނެ ދެވަނަ ޑިރެކްޓަރު ހޮވުމަށް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ކުރިއަށް އޮތް ޚާއްޞަ ޢާންމު ޖަލްސާ (އީޖީއެމް) ގެ ކުރިން ޙިއްޞާދާރުންނާ ޙިއްޞާކުރެވޭނެކަމަށާއި، އައު ޑިރެކްޓަރު އިންތިޚާބުކުރުން އޮންނާނީ އެ ޖަލްސާގައި ޢާންމު ޙިއްޞާދާރުންގެ މެދުގައި ނެގޭ ވޯޓަކުންކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.