ތ. ތިމަރަފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިކޮށް، ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އެމްޓީސީސީން ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ އެއްގަމުތޮށި ހެދުމަށްޓަކައި ބަހައްޓަންޖެހޭ ބްލޮކްތައް އަތުރައި، އިންސްޓޯލް ކުރުމުގެ މުހިންމު މަރުޙަލާއެވެ. މި މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮޅުމަޑުލު ތިމަރަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އިތުރުން، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ވެސް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2025 ސެޕްޓެމްބަރު 26 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ތިމަރަފުށީގެ ތަރައްޤީގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް ދަނީ ބާރުއަޅަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.