ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ނިންމެވުމަށް މަސައްކަތް ކުރައްވާ މަޝްރޫޢެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ފަރުހަތު ވިދާޅުވީ، ސަރުކާރުގެ މަސައްކަތުން ކުޅުދުއްފުށީގައި ހަދަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމައި، ބޯހިޔާވަހިކަމުގެ ދަތިކަން ތަޙައްމަލު ކުރަމުންދާ ރައްޔިތުންނަށް އެ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި 400 ހައުސިންގ ޔުނިޓުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވާޢުދުފުޅުގައި ހިމެނޭ 2000 ހައުސިންގ ޔުނިޓަކީވެސް އެމަނިކުފާނު ވަރަށް އިސްކަމެއް ދެއްވައިގެން ނިންމެވުމަށް މަސައްކަތް ކުރައްވާ މަޝްރޫޢުތަކެކެވެ.
ކުޅުދުއްފުށީގައި އިމާރާތް ކުރަން ފެށުމަށްފަހު ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، އެ ސިޓީގައި އިތުރު ހައުސިންގ ޔުނިޓްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.