ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ބޮޑެތި ގެއްލުންތަކެއް ލިބުނު ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަން އާންމުންނަށް އަލުން ހުޅުވާލައިފިއެވެ.
އެ ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ 26 މެއި ގައި ހުޅުމާލެ ފަޅުތެރެއަށް ވަން ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ލަކުޑި ޖެޓީގެ އުތުރު ފާލަމުގެ ސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެހެންވެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޑީސީން ވަނީ އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
އެޗްޑީސީން ބުނީ އެ ޖެޓީއަކީ ދުވަހުން ދުވަހަށް ގިނަ ބަޔަކު ބޭނުންކުރަމުންދާ މުހިންމު ވަސީލަތެއް ކަމަށެވެ. އެތަނުގެ މަރާމާތުގެ މަސައްކަތް އަވަސްކޮށް، އާންމުންނަށް ބޭނުންކުރެވޭނެ މަގު ހަމަޖައްސައިދިނުމަށް އެ ކޯޕަރޭޝަނުން އިސްކަންދިނެވެ. މަސައްކަތް ނިމުމާއެކު ޖެޓީގެ ޚިދުމަތް މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ވަސީލަތްތައް އިތުރަށް ޙަރުދަނާކުރުމެވެ. އަދި އާންމުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.