ދިވެހީންގެ ޢަޤީދާއަށް އަމާޒުވާ ފިކުރީ ހަމަލާތަކާ ދެކޮޅަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުމަށް އެ ޔުނިވަރސިޓީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ އުނގެނުމަކީ ދީނީ ވާޖިބެއް ކަމަށެވެ. އަދި އެއީ ތިމާއަށާއި މުޖުތަމަޢަށް އަދި ޤައުމަށް ފާގަތިކަމާއި ތަރައްޤީ ލިބުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ތަޢުލީމާއި ހުނަރާއި ޢިލްމީ ވިސްނުންތެރިކަމުގެ ބޭނުން ކުރަންޖެހޭނީ މުޖުތަމަޢަށް ފައިދާވާނެ ގޮތަށް ޤައުމު އާރާސްތުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ބަވަނަވެފައިވާ ދުނިޔޭގައި ދިވެހީންގެ ޢަޤީދާއާ ކުޅުމަށް އެކި ހަމަލާތައް އަމާޒުވަމުން އަންނާތީ، އެފަދަ ފިކުރުތަކާ ދެކޮޅަށް ތަޢުލީމީ މުއައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު އުނގެނިފައިނުވާ ހާލަތްތަކުގައިވެސް ބައެއް ފަރާތްތަކުން ދީނީގޮތުން ފަތުވާ ނެރެ، ޅަ ސިކުނޑިތައް ތަޣައްޔަރު ކުރަމުން ދިޔުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ދެނެގަތުމަށްޓަކައި ދިފާޢީ ވުޒާރާގެ ދަށުން ހިންގަމުންދާ ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ޤައުމުގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޢިލްމީ މުއައްސަސާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ދިވެހީންގެ އިސްލާމީ ވަޙުދަތު ރައްކާތެރިކޮށް ދަމަހައްޓައި، ދިވެހީންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައިދޭ ހިޔާވައްސެއް ކަމަށްވެސް ސިފަކުރެއްވިއެވެ.

ޤައުމު ބިނާކުރުމުގައި އެންމެ ވަރުގަދަ ހަކަތައަކީ ތަޢުލީމީ ޒުވާނުންކަން ފާހަގަކުރައްވައި، އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުން ނަމޫނާ ދެއްކުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ހާސިލުކުރި ތަޢުލީމާއި ތަރުބިއްޔަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޤައުމުގެ ތަރައްޤީގައި ހިއްސާވުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.