ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ކޯސްޓްގާޑަށް އަލަށް ސަތާރަ އުޅަނދު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިފާއީ އަދި ގައުމީ ޚިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ދިފާއީ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރެވޭނީ ޒަމާނީ ވަސީލަތްތައް ލިބިގެން ކަމަށެވެ. އެގޮތުން ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ބޮޑެތި އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަޝްރޫޢުގެ ދަށުން، މިހާރުވެސް ތިން ޕެޓްރޯލް އުޅަނދެއް އެމްއެންޑީއެފަށް ހޯދައިދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“މީގެ އިތުރުންވެސް ކޯސްޓްގާޑަށް ބޭނުންވާ އެހެނިހެން ޕެޓްރޯލްކުރުމަށް ބޭނުންވާ އެކިއެކި އުޅަނދުތައްވެސް ގެންދަވަނީ ހޯއްދަވަމުން. މިހާރުވެސް މިއަދާ ހަމައަށް ތިން ޕެޓްރޯލްކުރާ އުޅަނދެއްވެއްޖެ އެމްއެންޑީއެފްއަށް ހޯދައިދެއްވާފައި. އިތުރު 17 އުޅަނދެއް ލިބުމުގެ މަގުމަތީގައިވަނީ. އޭގެ ތެރޭގައި ނޮވެމްބަރު މަސްތެރޭގައި އޭގެ އެއްބައި ލިބޭނެ. ބާކީ ދެން ހުރި އުޅަނދުތައްވެސް ލިބިގެންދާނެ.” ހަސަން ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ދެމުންދާ ސިއްހީ ކުއްލި ފަރުވާގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ކޯސްޓްގާޑުން އޮޕަރޭޓްކުރާ ސީ އެމްބިއުލޭންސްގެ ފްލީޓަށް އިތުރު ބާރަ އުޅަނދު ބަނުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަނޑާއި ވައިގެ މަގުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކާ ދެކޮޅަށް ސިފައިން ތބޭނީ އަބަދުވެސް ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު