އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި މިއަދާ މާދަމާ ކުރިޔަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިތަމްރީންތައް މާލެ، ހުޅުމާލެ، ތިލަފުށި، ވިލިމާލެ އަދި ކްރޮސްރޯޑް މޯލްޑިވްސްގައި އެއްގަމާއި، ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިތަމްރީނުތައް ކުރިއަށްދާ ވަގުތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ވެހިކަލްތައް ސައިރަން އަދި ބީކަން އާއެކު ބާރު ސްޕީޑްގައި ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ "އެކްސަސައިޒް ޖައްރާފާ-2026" ގެ ނަމުގައި ކުރިޔަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ. އަދި މިއީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވަމުންގެންދާ އެކްސަސައިޒެއްކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި އެކްސަސައިޒް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުން ހިމެނޭ ކަމަށް އެމްއެންޑީއެފު މައުލޫމާތު ދެއްވައެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި މިރަސްމިއްޔާތުގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ހުސައިން ޢަލީއާއި، އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒު ރަޝާދާއި، އެފްއާރްއެސްގެ ކޮމާންޑް ސާރޖެންޓް މޭޖަރ، ކޮމާންޑް ސާރޖެންޓް މޭޖަރ އާޒާދު ރުޝްދީގެ އިތުރުން އެފްއާރްއެސްގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

"އެކްސަސައިޒް ޖައްރާފާ 2026"ގެ ފަރިތަކުރުންތަކުގެ ތެރެއިން، ގެއެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގާ ހާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ ސިނާރިއޯއެއް މިއަދު މ. ތުރީ ފްރެންޑްސްގައިވަނީ ކުރިއަށްގެންގޮސްފައެވެ. މި ތަމްރީނުގައި، އެފަދަ މަޢުލޫމާތެއް މިއަދު 08:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމުން މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާނެ ގޮތް ފަރިތަކޮށްފައިވެއެވެ.

މިސިނާރިއޯގައި، ހާދިސާގައި ދެ މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމުގެ ކަންކަން ފަރިތަކޮށްފައިވާ އިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރުމުގެ މަރުޙަލާ ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

"އެކްސަސައިޒް ޖައްރާފާ 2026"އަކީ ކުއްލި ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކޮށް، ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ “އެކްސަސައިޒް ޖައްރާފާ-2026” ފަށައިފި.
mndf.gov.mv/mndf/en/news-a…