އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ސިފައިން އިމާރާތްކުރަން ފެށި ތ. ދިޔަމިގިލީ ސްކޫލުގެ 3 ބުރި އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.

މި އަހަރުގެ މާރިޗު 31 ވަނަ ދުވަހު ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފެށި މި އިމާރާތުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ 235 ދުވަހުގެ ތެރޭގައި، މި ހިނގާ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ކަނޑައެޅުނު މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ސިފައިން ވަނީ ރެޔާއި ދުވާލު މިންނެތް މަސައްކަތްތަކެއް ކޮށްފައެވެ.

މި މަޝްރޫޢުގެ ތެރެއިން، ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް ބަލައި އަލުން މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައިގެން ސްޓްރަކްޗާ ވަރުގަދަކުރުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. އަދި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭނުމާއި، ސިމެންތި ޖެހުމާއި، ކުލަލުމުގެ އިތުރުން ފުރާޅު އެޅުމުގެ މަސައްކަތްތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ކްލާސްރޫމްތަކާއި، ފާޚާނާތަކާއި، ސިޑިގޮޅި ސީލިންގުކޮށް ތަށިމުށި ޖެހުމާއި، ކޯރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކޮށް ދަވާދުލުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ފާޚާނާތައް ފެންވައިރުކޮށް ހޮޅި އެޅުމާއި، ފާޚާނާ ތަށިތަކާއި އެހެނިހެން ފިޓިންގްސް ހަރުކުރުމާއި، ކަރަންޓު ވައިރިންގ އަޅައި ބޮކި، ފަންކާ އަދި ޑީބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. ހަމައެއާއެކު އައިސީޓީ ނެޓްވޯކް ކޭބަލް އެޅުމާއި، ސާވަރ ރެކް އަދި ޕީއޭ ސިސްޓަމް އިންސްޓޯލްކުރުމުގެ އިތުރުން އަލިފާން ނިއްވާ ފަޔާ އެކްސްޓިންގުއިޝަރ އަދި ސްކޫލުގެ ނަންބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ސިފައިން ވަނީ ފުރިހަމަކޮށްފައެވެ.

އެމްއެންޑީއެފް އިން ފާހަގަކުރެއްވި ގޮތުގައި، މި އިމާރާތުގެ ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު ދިޔަމިގިލީގެ ރައްޔިތުން ވަނީ އަމަލީގޮތުން ބައިވެރިވެ، އެކި ގޮތްގޮތުން ސިފައިންނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.