ދިވެހިރާއްޖޭގައި ގުރުއާނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ އަލްއުސްތާޒް ޢަބްދުއްރަޙްމާން ޔޫނުސް، އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
އުސްތާޒް ޢަބްދުއްރަޙްމާން ޔޫނުސް އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން، އެ ޕާޓީގެ ރަސްމީ އެކައުންޓްތަކުންނާއި އިސް ވެރިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން، އެ ޕާޓީގެ އިސްފަނޑިޔާރު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިމާވާ ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ދެނެތިބެ، އަަދާލަތު ޕާޓީ އަބަދުވެސް ދާނީ ސާބިތުކަމާއެކު ކުރިއަށް ކަމަށެވެ.
އަލްއުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސްއަކީ ގިރާއަތާއި، ޝަރީއާ އަދި އިސްލާމީ ތައުލީމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، ކިޔަވައިދެއްވުމުގެ ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގާބިލު ބޭފުޅެކެވެ. އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ގުރުއާން އެންޑް ސުންނާ ޑިޕާޓްމަންޓްގެ ސީނިއަރ ލެކްޗަރަރއެއްގެ މަގާމު ފުރުއްވަމުންނެވެ.
ތައުލީމީ ދާއިރާގައި ވޭތުކުރެއްވި ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ ފާހަގަކޮށްލެވޭ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި މުޝްރިފް މުސާއިދުގެ މަގާމުގެ އިތުރުން، ގުރުއާނާއި މެތޮޑޮލޮޖީ މުދައްރިސެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އާއި ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ޕާޓް-ޓައިމް ލެކްޗަރާއެއްގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދެއްވާފައެވެ.
މީގެއިތުރުން، ފަންނީ ދާއިރާއިން މަންހަޖު އެކުލަވައިލުމާއި އިވެލުއޭޓް ކުރުމުގެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވައި، "ތަޖުވީދުލް މުޔައްސަރު" ރިފަރެންސް ފޮތާއި، ޑިޕްލޮމާ އިން ޓީޗިން ގުރުއާން ކޯހުގެ ތަމްރީނު މޮޑިއުލްތައް އެކުލަވައިލެއްވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކީރިތި ގުރުއާން އުނގަންނައިދިނުމާއި، މި ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމަށް އެމަނިކުފާނު ކުރެއްވި އިހުލާސްތެރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، 2024 ސެޕްޓެމްބަރު 4 ވަނަ ދުވަހު ސަރުކާރުން ވަނީ ކީރިތި ގުރުއާނާބެހޭ ފަންނުތަކުގެ ދާއިރާއިން އެމަނިކުފާނަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައެވެ.
އުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް ފަދަ އިލްމީ ގޮތުން ފުންނާބުއުސް ބޭފުޅަކު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަކީ، އެ ޕާޓީގެ އިލްމީ އަދި ސިޔާސީ ހަރަކާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.