އަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓަރުގެ މަޤާމު ދޭން މަޝްވަރާކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

އެކަން ދޮގުކޮށް އަދާލަތު ޕާޓީން ބުނީ ‏ސަރުކާރާއި ޢަދާލަތު ޕާޓީއާ ދެމެދު މިފަދަ އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށެވެ.

މި ވާހަކަތައް ފަތުރަނީ ސަރުކާރާ އިދިކޮޅު ޚަބަރުތައް ގެނެސްދެމުންދާ ނޫސްތަކުންނެވެ. އެ ނޫސްތަކުން މިފަދަ ޚަބަރުތައް ފަތުރަން ފެށީ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިޙާދުވުމަށް އަދާލަތުން ނިންމުމާއި ގުޅިގެންނެވެ.

އިޝްތިހާރު އިޝްތިހާރު

އަދާލަތުގެ މި ނިންމުމަކީ އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން ވަރަށް ދަތިވި ނިންމުމެކެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނިންމި ޤަރާރުގައި ވަނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަނާކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުގައި ތަރައްޤީކުރުމަކީ، ޢަދާލަތު ފާޓީ އުފެދިފައިވާ މައިގަނޑު މަޤްސަދަށްވާތީ ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް، ކުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަގަތު ހުރި ގޮތްކަމަށް ދެކޭ ކަމަަށެވެ.

އެހެން ކަމުން ޢަދާލަތު ފާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލިޙަށް ލިބިދީފައިވާ ބާރުގެ ދަށުން، ޢަދާލަތު ފާޓީގެ މަޝްވަރާ މަޖިލިހުން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.