ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓަށް ދެ ޤާޟީން ބޭނުންވާ ކަމަށެވެ.

ސިވިލް ކޯޓުގެ ޤާޟީއެއްގެ އަސާސީ މުސާރައަކީ މަހަކު 37,700 ރުފިޔާއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3,300 ރުފިޔާ ލިބޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި، ޢުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާންޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބަޔާންކުރެއެވެ.މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި، ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމުގެ އިތުރުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތް، ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުން ފަދަ ސުލޫކީ މިންގަނޑުތައް ވެސް ފުރިހަމަވާންޖެހެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ޖޭއެސްސީގެ 'ފަހިރެސް' ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.