ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ޔޫރަޕްގެ އިއްތިހާދުން ގޮވާލުމުން، އިސްތިއުމާރީ ދައުލަތުން އީޔޫއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.
އިސްތިއުމާރީ ދައުލަތުގެ ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ގޮވާލައި އީޔޫއިން ނެރުނު ބަޔާނަކީ އެއްވެސް ވަރަކަށް ހަމަހަމަކަމެއްނެތް ބަޔާނެއް ކަމަށެވެ.
މީގެއިތުރުން ބުނެފައިވަނީ، އެމެރިކާއިން ހަދާފައިވާ ޣައްޒާ ޕްލޭންގެ ދަށުން ހަތިޔާރު ބަހައްޓަން ހަމާސްއިން ދެކޮޅުހަދާ މައްސަލައަށް އީޔޫގެ ބަޔާނުގައި އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށެވެ.
އިސްރާއީލު ސަރުކާރުގެ އެހީތެރިކަމުގައި ބޯޑް އޮފް ޕީސްއިން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް، އިސްތިއުމާރީ ދައުލަތުގެ ޚާރިޖިއްޔާއިން ދައުވާ ކޮށްފައި ވެއެވެ. އަދި 93،000 ޓެންޓު ޣައްޒާއަށް މިފަހުން އެތެރެކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެކަމަކު، މިއީ ޣައްޒާގެ އާންމުން މިހާރު ތަހައްމަލް ކުރަމުންދާ ތަކުލީފުތަކަށް ބަލާއިރު، ވަރަށް ކުޑަ މިންވަރެކެވެ.
ވިއްސާރަ މޫސުމާއި، ފިނި މޫސުން ލައިގަނެ ޣައްޒާގެ އާބާދީގެ 2.1 މިލިއަން މީހުންނަށް އަވަސްގޮތެއްގައި އިންސާނީ އެހީ ބޭނުންވެފައިވާއިރު، ޣައްޒާއަށް ބޭނުންވާ އެހީގެ 70 ނުވަތަ 80 އިންސައްތައަކީ ކާބޯތަކެއްޗެވެ. އޭގެ އިތުރުން ބޭނުންވަނީ ގަދަފިނިން ސަލާމަތްވާނޭ ސާމާނާއި، ބޯފެނާއި، ބޭހާއި، ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނާއި، ތެލާއި ގޭހެވެ.
ނަމަވެސް އިސްތިއުމާރީ ދައުލަތުގެ އެކި ބަހަނާތައް ދައްކައިގެން އެތަކެއް އެހީގެ ސާމާނެއް ވަނީ ހުއްޓުވާފައެވެ.
އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ކާޖާ ކަލާސް ނެރުނު ބަޔާނެއްގައި، އިންސާނީ އެހީގެ ސާމާނު އެތެރެކުރަން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް އިސްރާއީލަށް ގޮވާލާފައި ވެއެވެ. އަދި ޣައްޒާގެ ހުރިހާ ބޯޑަރުތަކެއް ވަގުތުން ހުޅުވާލަންވެސް ގޮވާލާފައި ވެއެވެ.
އަދި ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ އެކަމާ ވަރަށް ކަންބޮޑުވާކަންވެސް ހާމަކޮށްފައި ވެއެވެ.
އީޔޫގެ ބަޔާނުގައި، އިސްތިއުމާރީ ސިފައިން ޣައްޒާގެ ނަސަރު ހޮސްޕިޓަލަށް ދިން ވައިގެ ހަމަލާވެސް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ. އެ ހަމަލާގައި 7 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވިއިރު، ޝަހީދުވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ ޑޮކްޓަރަކުވެސް ހިމެނެއެވެ.
ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އީޔޫއިން ގޮވާލުމުން އިސްރާއީލުން ނުރުހުން ފާޅުކޮށްފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.