އިސްތިއުމާރީ ސިފައިން ޣައްޒާގައި ބަޑިޖަހައި މިއަދުގެ މިހާތަނަށް ފަލަސްތީނު 3 މީހުން ޝަހީދު ކޮށްލައިފިއެވެ.
އިސްތިއުމާރީ ސިފައިން ބަޑިޖަހައި އެންމެފަހުން މީހަކު ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ދެކުނު ޚާން ޔޫނިސްގައި އެމީހުން ކޮންޓްރޯލް ކުރާ ސަރަހައްދުގައެވެ. ހަމަލާ ދީފައިވަނީ ގެދޮރު ނެތި ޓެންޓުގައި އުޅެމުންދާ އާއިލާއަކަށެވެ. އެ ހަމަލާގައި އެކަކު ޝަހީދުވެ އަންހެނަކު ޒަޚަމްވެފައި ވެއެވެ.
އޭގެކުރިން ހަމަ އެ ސަރަހައްދުގައި ބަޑިޖަހައި އިތުރު ދެމީހުން ޒަޚަމްކޮށްލާފައިވާ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.
ޣައްޒާގެ ވެރިކަންކުރާ ގާޒާ ސިޓީގެ ޒައިތޫން އަވަށުގެ އައުގާފް އިމާރާތަށް ދިން ހަމަލާތަކުގައި ދެމީހުން ޝަހީދުވެފައި ވާއިރު، އެއީ ބައްޕައަކާއި އޭނާގެ 13 އަހަރުގެ ފިރިހެން ދަރިފުޅެވެ.
މި ހަމަލާގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ޚަބަރުތައް ބުނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު ތިނަކަށް އަރާފައިވާ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ އެކި ހިސާބުތަކުން އިސްތިއުމާރީ ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލި މީހުންގެ އަދަދު 16 އަށް އަރާފައިވާ ކަމަށެވެ.
މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ ސިފައިން ހަމަލާދީ ޣައްޒާއިން މިހާތަނަށް 1،614 މީހުން ޝަހީދުކޮށްލާފައި ވާއިރު، ޒަޚަމްކޮށްލި މީހުންގެ އަދަދު 5،849 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ މުއްދަތުގެ ތެރޭގައި، ޣައްޒާގައި ވައްޓައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން 850 މީހެއްގެ ކަށިތައް ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ބޯކޮށް ވާރޭވެހި، ޣައްޒާގެ ބޮޑުބައެއްގައި ފެންބޮޑުވެ އާންމު ރައްޔިތުން ވަރަށް ނިކަމެތި ހާލުގައި އުޅެމުން ގެންދާއިރުވެސް އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައިވެސް ބޮޑެތި އުދުވާނުތަކެއް ހިންގަމުންނެވެ.
އެގޮތުން، ޓެންޓުތަކަށް ބަޑިޖަހަމުންގެންދާ ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
އަދި ޓެންޓުއަވަށްތައް ފެނުއަޑީގައި ހުރިއިރު އެހީގެ އެއްވެސް އެއްޗެއް ނުލިބި ގޮތްހުސްވެފައި ތިބި އާންމުން އެ ސަރަހައްދުތަކުން ބޭރަށް ނުކުންނަންވެސް ހުރަސްއަޅައި އަދި ނުކުންނަ މީހުންގެ ގަޔަށް ބަޑިޖަހާކަމުގެ ރިޕޯޓްތައްވެސް ލިބެމުން ދެއެވެ.

އިޝްތިހާރު އިޝްތިހާރު