ރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް އަބޫދާބީގެ ސާހް ގުރޫޕާއެކު ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި، އެސްޓީއޯ އާއި އަބޫދާބީގެ ސާހް ގްރޫޕް ފޮ ޓެކްނިކަލް ސަވިސަސް އެލްއެލްސީ (ސާހް ގްރޫޕް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގީތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ އެވެ.
ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ. އަދި "ވިޝަން 2040" ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގްތިސާދު އެހެން ދާއިރާތަކަށް ސިންދަފާތުކުރުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.