ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 28 ކުންފުންޏެއް، ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައިވާ މިންގަނޑުތަކާ އެއްގޮތަށް އުވާލައިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
މި ނިންމުމަކީ ކުންފުނީގެ އައު ޤާނޫނު (2023/7) ގެ 246 ވަނަ މާއްދާގެ ބާރުގެ ދަށުން އެކުލަވާލެވިފައިވާ 2025/R-83 ނަންބަރު ޤަވާޢިދުގައި ބަޔާންކުރާ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ރަޖިސްޓްރާރ ނިންމަވާފައިވާ ނިންމެވުމެކެވެ. މިއީ ކުރީގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނި އުވައިލުމަށް ކަނޑައަޅާފައިވާ މަރުޙަލާތައް ފުރިހަމަކޮށް ނިންމުމަށްފަހު އަޅާފައިވާ ފިޔަވަޅެކެވެ.
އުވާލެވުނު 28 ކުންފުނީގެ ފުރިހަމަ މަޢުލޫމާތާއި ތަފްޞީލު ހިމެނޭ ލިސްޓު މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/28145) މެދުވެރިކޮށް ޢާންމުކޮށްފައެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާ ފަރާތްތަކަށް، މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި، މިފަދަ އިޞްލާޙީ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ދުރުވިސްނުމާ އެއްގޮތަށް އެޅެމުންދާ ފިޔަވަޅުތަކެކެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ދިވެހި ވިޔަފާރިވެރިން އިތުރަށް ބާރުވެރިކުރުވައި، ޤާނޫނީ ހަމަތަކުގެ މަތިން ހިންގޭ ހަރުދަނާ ވިޔަފާރީގެ ވެއްޓެއް ޤާއިމުކޮށް، 2040 ވަނަ އަހަރާ ހަމައަށް ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު