އަލަށް ޤާއިމްކުރާ ޕަންޕު ސްޓޭޝަންތަކާއެކު މާލޭގެ ފެން ހިންދުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިފަދައިން ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ މުއައްސަސާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަހުމަދު ފާއިޒް ރަޝާދް ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ ނިމޭއިރު ފެން ހިންދުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެކަމަށެވެ. އަދި ވާރޭވެހުމުން މަގުތަކަށް ނިކުމެ ފެން ހިންދަން ޖެހޭ ޖެހުން ކުޑަ ކުވާނެކަމަށާއި މިހާރުވެސް އެކަން ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

"މިއަންނަ ކުރިއެރުމަކީ ދެ ގޮތުންވެސް އަންނަ ކުރިއެރުމެއް. ޕަންޕުތައް ޕްރެޝާރ ހައިވެފައި ޕަންޕުތަކުން ފެން ބޭރުކުރާލެއް އަވަސްވުމާއި މަގުތައް ރީ ސްރަކްޗަރވެގެން އަންނަ ބަދަލުތަކާއެކު އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ" ފާއިޒް

ލެފްޓިނަންޓް ކާނަލް އަހުމަދު ފާއިޒް ރަޝާދް ވިދާޅުވީ ފެން ހިންދުމާއި ގުޅޭ އެކި ކަންކަމަށް ސަރުކާރުން ހޯއްދަވައި ދެއްވަމުންދާ ވަސީލަތްތަކަކީވެސް މިކަންކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އޭނާ ވިދާޅުވީ ދާދިފަހުންވެސް ފެން ހިންދުމުގެ މަސައްކަތަށް ބޭނުންވާ 6 ވަރަކަށް ޕަންޕު ލިބިފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް ޕަންޕުތައް މާލޭގެ ބައެއް ސަރަހައްދުތަކުގައި މައުންޓުކޮށްފައި ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި މަގަށް އަންނަ ބަދަލާއެެކު އެކި ސަރަހައްދުތަކުގައި އޮޓޮމެޓިކް ޕަންޕް ސްޓޭޝަން ހެދުމުގެ ވިސްނުން ހުރިކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ އަލަށް މަގުތައް ހަދާއިރު ޤާއިމްކުރާ ޕަންޕު ސްޓޭޝަންތަކާއެކު މިހާރު މާލޭގަައި ފެން ބޮޑުވާ ނިސްބަތް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ފެން ބޭރުކުރުމަށް މިއާއެކު ފަސޭހަވާނެކަމަށްވެސް ވިދާޅުވިއެވެ.

މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެންބޮޑުވާ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ނުވަތަ ފެން ހިންދާ ނިޒާމުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މާލެއާއި އަތޮޅުތަކުގެ ބައެއް ބޮޑެތި ރަށްރަށުގައި މިހާރުވެސް މިފަދަ ނިޒާމުތައް ވަނީ ޤާއިމުކުރަން ފަށާފައެވެ. އަދި ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.