ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބޯޓުތައް އަތުލައިގަނެފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި 3 މަސްބޯޓު ފެނިފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައެއް ނެތި ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ކަމަށް ބެލެވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި 3 ބޯޓު މިހާރު މާލެ ގެނައުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށާއި، ބޭރުގެ އުޅަނދުފަހަރު ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން ހުއްޓުވުމަށްޓަކައި އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އަލަށް އުފެއްދި އެއަރ ކޯރ ގުޅިގެން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަރަށް ފާރަވެރިކަމާއެކު ބަލަހައްޓަމުންނެވެ.











ކިޔުންތެރިންގެ ހިޔާލު