ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ބޯޓު މިހާރު ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ބޯޓު އަތުލައިގަތްއިރު ބޯޓުގައި 7 މީހުން ތިބިކަމަށެވެ. މިބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 46 ނޯޓިކަލް މޭލު ބޭރުންނެވެ. މިއޮޕަރޭޝަނުގައި ބޭރުގެ މިމަސް ބޯޓު އަތުލައިގަނެވިފައިވަނީ ބުދަދުވަހުގެ 18:34 ހާއިރުއެވެ. މިބޯޓު ނިސްބަތްވަނީ ކޮން ޤައުމަކަށްކަން އަދި ހާމަކޮށްފައިނުވާއިރު ބޯޓުގައި ތިބީ ކޮން ޤައުމެއްގެ ރައްޔިތުންކަމެއްވެސް އެމްއެންޑީއެފްއިން އަދި ހާމަކުރައްވާފައި ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

މިމަސްބޯޓު ހދ. ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް އަވައްޓެރި ޤައުމުތަކާއި ގުޅިގެން އެމްއެންޑީއެފުންދަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.