އަދާލަތު ޕާޓީން އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހާއި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. މުޙައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.

ދަންނަވަމެވެ. @AdhaalathOffice އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުންނެވެ. ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް …

އިޔާޒް މިހެން ވިދާޅުވީ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިޙާދުވުމަށް އަދާލަތުން ނިންމުމާއި ގުޅިގެން އަދާލަތަށް ނިސްބަތްވާ ނަމަވެސް އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ބައެއް ބޭފުޅުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ އަދާލަތު ޕާޓީގެ ކުރީގެ އިސް ފަނޑިޔާރު އަދި ޢިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރެއްވި ޑރ. އިޔާޒް ވިދާޅުވީ ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށެވެ. އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"ދީނާއި ޤައުމުގެ ޙައްޤުގައި ބަސްބުނެ ޢަމަލުކުރަންޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއްނެތި ޢަދާލަތު ޕާޓީ ބަދަހި ކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވަމެވެ،" އިޔާޒްގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް ވަނީ އެއްބަސްވުން ޤާއިމުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނެރުއްވި ޤަރާރުގައި ވަނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަނާކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުގައި ތަރައްޤީކުރުމަކީ، ޢަދާލަތު ފާޓީ އުފެދިފައިވާ މައިގަނޑު މަޤްސަދަށްވާތީ ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް، ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަގަތު ހުރި ގޮތްކަމަށް ދެކޭ ކަމަަށެވެ.

އެހެން ކަމުން ޢަދާލަތު ފާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލިޙަށް ލިބިދީފައިވާ ބާރުގެ ދަށުން، ޢަދާލަތު ފާޓީގެ މަޝްވަރާ މަޖިލިހުން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް ޤަރާރުގައިވެ އެވެ.