ކުރީގެ ސަރުކާރާއެކު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ 51 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ދީބާޖާ އިންވެސްޓްމަންޓުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުނިން އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައަކީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ގައި ދީބާޖާއާއެކު ވި އެއްބަސްވުން 2013 ގައި ސަރުކާރުން ގޯސްކޮށް ބާތިލުކުރުމާ ގުޅިގެން ފެށުނު މައްސަލައެކެވެ. އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ޖެހުމުން، ކުރީ ސަރުކާރުން އެ ކުންފުންޏާއެކު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 30 ދުވަހުގެ ތެރޭގައި 51 މިލިއަން ރުފިޔާ ދައްކަން އެއްބަސްވިއެވެ. ނަމަވެސް އެ މުއްދަތުގައި ފައިސާ ނުދެއްކުމުން ދީބާޖާއިން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މި ސަރުކާރުން ވަނީ އެ ސެޓްލްމަންޓް އެއްބަސްވުމަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައި އެ އުވާލައިފައެވެ.

ސިވިލް ކޯޓުގައި އޮތް މި ދައުވާ އަނބުރާ ގެންދަން ދީބާޖާއިން ހުށަހެޅީ، އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކޯޓަށް ހުށަހަޅާފައިވާތީއާއި މި ދެ ދައުވާއަކީ އެއް މައުޟޫޢެއްގެ މައްސަލަތަކަކަށް ވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލަ އަނބުރާ ގެންދިއުމަށް ދައުލަތުން އިއުތިރާޒު ނުކުރި ނަމަވެސް، މި މައްސަލަ އަލުން ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ. ނަމަވެސް މައްސަލަ ބެއްލެވި ޤާޟީ އަޙްމަދު ޢަބްދުލްމަތީން ނިންމެވީ ދައުވާ އަނބުރާ ގެންދިއުމުގެ ހުއްދަ ދިނުމަށާއި، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަނުވާނަމަ އަލުން ދައުވާ ހުށަހެޅުމުގެ ޙައްޤު ދީބާޖާއަށް ލިބިގެންވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާއާއި ރަށްތައް ދިން މައްސަލައިގައި، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގަން މަޖިލީހުން ޕީޖީއަށް ކުރިން ވަނީ ލަފާދީފައެވެ. މީގެއިތުރުން، ދީބާޖާއާއެކު ހެދި އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށާއި އެ ކުންފުންޏަށް ބަދަލު ހޯދުމުގެ ޙައްޤު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުންވެސް މީގެކުރިން ވަނީ ކަނޑައަޅާފައެވެ.