ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އެންމެ ދަށް މިންގަނޑަށް ބާ ކައުންސިލުން ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރިއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ބަހެއް ހޯދާފައި ނުވާތީ އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ގާނޫނީ ތައުލީމުގެ އެންމެ ދަށް މިންގަނޑުތަކަށް މިދިޔަ ޖުލައި މަހު ބާ ކައުންސިލުން ގެނައި އިސްލާހުގައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ގާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފަ އެވެ. އެ ނިންމުމުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ވެސް ހިމަނާފައި ވަނިކޮށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމީ މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުސޫލުން އިސްތިސްނާކޮށް، އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ މައްޗަށް އެކަނި އެ އުސޫލު ހިނގާ ގޮތަށް ބަދަލުކުރުމަށް ބާ ކައުންސިލަށް ލަފާ އެރުވުމަށެވެ.
އެކަމާ ގުޅިގެން ފިޒާނާ ފޭސްބުކްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ހާލަތަށް ބަލާއިރު ބާ ކައުންސިލްގެ ނިންމުމަކީ ގާނޫނީ ކޯސްތައް ނިންމާ ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ނިންމުން ނިންމިއިރު އެމްކިއުއޭގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި، އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި މައްސަލާގައި މަޖިލީހުގެ ކޮމިޓީގެ ބައެއް މެންބަރުންގެ މަސްލަހަތު ފުށުއަރާތީ ވެސް ފިޒާނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޖުޑީޝަރީ ކޮމިޓީގައި ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުން ތިބި ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، މަސްލަހަތު ފުށުއެރުމަކީ ކޮބައިކަން އެނގެން ވާނީ ވެސް ގާނޫނު ކިޔަވަމުން، ގާނޫނު ހަދަން ތިބި ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމިއިރު ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ގާނޫނީ ދާއިރާއިން ޑިގްރީ ކޯހެއް ފުރިހަމަކުރައްވަމުން ގެންދަވާ ދެ މެންބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ ވިލުފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދާއި މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވާ ގޮތަށް ވެރިކަންކުރާ ޕާޓީގެ އިތުރު މެންބަރުންތަކެއް ވެސް ގެންދަވަނީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވަމުންނެވެ.
ކޮމިޓީގެ މި ނިންމުމާ ގުޅިގެން ބާ ކައުންސިލުން ކުރިން ހާމަކޮށްފައި ވަނީ، އެ ކައުންސިލްގެ މިންގަނޑުތަކަށް ބަދަލު ގެންނާނީ ކަމާ ގުޅުންހުރި މަސްލަހަތުވެރިންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.