އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާއި ފުރާނަ ކަމަށް ވާއިރު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް ކަންކަން ކަމަށެވެ. އަދި ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަހައްމަލުކުރަންޖެހޭނެ ކަމަށާއި، ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މާތް ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމަށެވެ.
ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ސިއްހީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ބަލަންޖެހޭ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ފަރާތްތަކާ ހިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ނަފްސާނީ ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ގާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މި މަސައްކަތަކީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ބައްލަވައިގަތުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މެޑަމް ސާޖިދާ ވަނީ ޒުވާނުންނަކީ ގައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި އީޖާދީ ވިސްނުމާއެކު ގައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް ބާރުއަޅުއްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.