ރާއްޖެއަކީ ހަކުރުބަލި އަވަހަށް ދެނެގަނެ، އެ ބަލި ތަހަންމަލުކުރާ ކޮންމެ މީހަކަށް އެކަށީގެންވާ ރަނގަޅު ފަރުވާ ލިބޭ ޤައުމަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާ ވިދާޅުވީ ގިނަ ބަޔަކު ހަކުރުބައްޔާއެކު ދިރިއުޅުމަކީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމާއި، ޞިއްޙަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމާއި، މުޅި އުމުރަށް ފަރުވާ ކުރުންމަތީ ދެމިތިބުން ކަމަށެވެ. އަދި އަނެއް ބަޔަކަށް އެއީ ނުރައްކާތެރި ޞިއްޙީ ހާލަތްތައް މެދުވެރިވާ، އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހު މި ތަފާތު ތަޖުރިބާތައް ބަލައިގަންނަންޖެހޭ ކަމަށާއި، ފުރާނަ ސަލާމަތްކުރުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބަލީގައި ތަހަންމަލުކުރަންޖެހޭ ވޭން ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ބަލި ތަހަންމަލުކުރާ ގާތް މީހުންނަށް ފަރުވާއާއި ޤަވާއިދުން ސްކްރީން ކުރުމަށް ހިތްވަރުދީ، ޞިއްޙަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރު ކުރުމަށް އެއްބާރުލުންދޭން ޖެހޭނެކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި އެ މަގުން ކުރެވޭ ކޮންމެ ކަމަކީވެސް ފޯރުކޮށްދެވޭނެ މުހިންމު އެހީތެރިކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވަމާ" އެވެ. މި ޝިއާރުގެ ދަށުން މުޅި ރާއްޖޭގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 16 ވަނަ ދުވަހު "އާލީ އެކްޝަން އޮން ޑައިބެޓީސް" ފޯރަމް ބޭއްވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ހެލްތު ޕްރޮމޯޝަން އެޖެންސީއާއި ނޭޝަނަލް ޑައިބެޓީސް ސެންޓަރު ގުޅިގެން ރ. އަތޮޅުގައި ހަކުރުބައްޔަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.