މިއަދު ފާހަގަކުރަމުންދާ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހި އަސްކަރިއްޔާގެ ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފިއެވެ.
ފަސްޓް ލޭޑީ މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެކަމަނާގެ މެސެޖުގައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ފުރާނައިން ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލުންނާއި ޝަހީދުންގެ މަތިވެރި ޒިކުރާ އައުކުރައްވައި، އެ ފަރާތްތަކަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ. މީގެއިތުރުން، މި ލޮބުވެތި ދިވެހި ފަސްގަނޑު އަބަދުމެ މިނިވަންކަންމަތީ ލެހެއްޓެވުން އެދިވަޑައިގެންވެސް އެކަމަނާ ވަނީ މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާފައެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ޖަމާޢަތެއް ކަމަށްވާ "ޕްލޮޓް" އާއި ދިވެހި ޚާއިނުން ގުޅިގެން ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާ ނާކާމިޔާބުކޮށްލުމަށް ދިވެހި ސިފައިންނާއި ރައްޔިތުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
އެދުވަހު ބާޣީން ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒު ހިފުމަށް ކުރި މަސައްކަތް ސިފައިންގެ ހިތްވަރާއެކު ނާކާމިޔާބުކޮށްލިއިރު، މި ނުރައްކާތެރި ޢުދުވާނުގައި ސިފައިންގެ 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޤައުމަށްޓަކައި ޝަހީދުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.