ނަޞްރުގެ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އަމިއްލަވަންތަކަމުގެ ދިފާޢުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ސާބިތުކޮށްދިން ދުވަހެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް މައުމޫން ވިދާޅުވީ، މިއީ ދިވެހިންގެ ޤައުމީ ލޯތްބާއި ޖޯޝުން ފުރިގެންވާ އިހުސާސްތައް ބަންޑުންވަމުންދާ ދުވަހެއް ކަމަށެވެ. އަދި ދިވެހި ދަރިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ފެނިގެންދިޔަ ތާރީޚީ މުނާސަބަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދަކީ ނޮވެމްބަރު ތިނެކެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި ނަޞްރުގެ ދުވަހެވެ. މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރު ތައް އުތުރި އަރާ ދުވަހެކެވެ. ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެކެވެ. ދިވެހި ރާއްޖޭގެ …

ރައީސް މައުމޫން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިން މި ޤައުމުގެ އިސްތިޤްލާލު ދިފާޢުކުރަން ތައްޔާރަށް ތިބި މިންވަރަކީ މީގެ 38 އަހަރު ކުރިން މުޅި ދުނިޔެއަށް ދައްކުވައިދީފައިވާ حަޤީޤަތެކެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން، އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ހަޟްރަތުގައި ހެޔޮ ދުޢާ ދަންނަވަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ސްރީލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ޚާއިނުންތަކެއް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް ދިވެހި ސިފައިންނާއި ރައްޔިތުން ކުރި މަތިވެރި ޖިހާދާއި ޤުރުބާނީގެ ހަނދާން އައުކުރުމަށެވެ. އެ ހާދިސާގައި ޤައުމުގެ ދިފާޢުގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

މި ނުރައްކާތެރި އުދުވާނުން ޤައުމު ސަލާމަތްކުރުމަށްޓަކައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސް ވެރިން ވަނީ ބޭރު ޤައުމުތަކުގެ އަސްކަރީ އެހީތެރިކަން ހޯއްދެވުމުގައި ވަރަށް އިސް އަދި ހިކުމަތްތެރި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.