ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާއުގައި ފުރާނައިން ޤުރުބާންވި މަތިވެރި އަބްޠާލުންގެ ޒިކުރާ އައުކުރައްވައި، އެ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަމުން އަންނަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ނިރުބަވެރިން ރާއްޖެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި އުންމަތަށް ލިބުނު ފަޚުރުވެރި ކާމިޔާބީގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ. މިއީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ އެއްބައިވަންތަކަމާއި، ޤައުމީ ދިފާޢީ ބާރުގެ ސިފައިން ދެއްކި ހިތްވަރާއި ވީ މަތިވެރި ޤުރުބާނީ ރަމްޒުކޮށްދޭ ތާރީޚީ ދުވަހެކެވެ.

އިޝްތިހާރު އިޝްތިހާރު

މާތް ﷲ ގެ ވާގިފުޅާއެކު ދިވެހި ސިފައިންނާއި ރައްޔިތުން ގުޅިގެން ހޯދި މި ނަޞްރަކީ ލެޔާއި ފުރާނައިގެ ބޮޑު ޤުރުބާނީއެކެވެ. މި ހިތާމަވެރި ހާދިސާގައި ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރި ހިތްވަރުގަދަ ސިފައިންގެ 8 ބޭފުޅުންނާއި، ކުށެއްނެތް އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާގައި 39 ދިވެހިން ޒަޚަމްވެ، ޤައުމަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ.