"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" އިންތިޒާމުކުރި މައިގަނޑު މަޤްޞަދު ވަރަށް ފުރިހަމަކަމާއެކު ޙާޞިލުވެއްޖެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ތަމްސީލުވި މި މައުރަޒުން ފެނިގެންދިޔައީ ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު ތާރީޚީ މައުރަޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، މި މައުރަޒުގައި މުޅިން އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ގިނަ ފަރާތްތަކެއް ބައިވެރިވި އިރު، ކުރިންސުރެ ވިޔަފާރިކުރާ ފަރާތްތަކުން ވެސް އެ މަސައްކަތްތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިއެވެ. އެ ހުރިހާ ފަރާތްތަކެއްގެވެސް އެންމެ ބޮޑު އެދުމަކީ އުފެއްދުންތަކަށް ދެމެހެއްޓެނިވި ރަނގަޅު މާކެޓެއް ލިބުން ކަމަށާއި، ސަރުކާރުން މިކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީ ނުވަތަ އުފެއްދުންތެރި އިޤްތިޞާދުގެ ޙިއްޞާއަކަށް ހެދުން ކަމަށެވެ. އަދި މައުރަޒުގެ މުއްދަތު އިތުރުކުރުމަށް ގިނަ ބަޔަކު އެދުމުން ދޭހަވަނީ މި ހަރަކާތަށް ލިބުނު ބޮޑު ތަރުޙީބާއި ކާމިޔާބީ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 25 އިން ފެށިގެން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިއަށްދިޔަ މި މައުރަޒަކީ ފަހުގެ ތާރީޚެއްގައި މިފަދަ ކަމަކަށް އެންމެ ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރި އެއް އިވެންޓެވެ. މި މައުރަޒުން ދިވެހިންގެ ސަޤާފީ އަދި އަތްތެރި މަސައްކަތްތަކާއި، ކާބޯތަކެތީގެ އައު އުފެއްދުންތަކުގެ އިތުރުން އެކި ކުންފުނިތަކުގެ ޚިދުމަތްތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.