ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެންމެ އުސް ޓަވަރަށް ޔަމަނުގެ ހޫޘީން އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދީފިއެވެ.
މިއީ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހޫޘީން މި ޓަވަރަށް ހަމަލާދިން ދެވަނަ ފަހަރެވެ.
ސައުދީ ވެރިރަށުގައި ހުންނަ އެންމެ އުސް އިމާރާތަކީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ހެޑްކުއާޓަރު ހުންނަ ޓަވަރެވެ. މިއީ، ރިޔާޟްގެ ކިންގް އަބްދުﷲ ފައިނޭޝިއަލް ޑިސްޓްރިކްޓްގައި ހުންނަ އިމާރާތެކެވެ.
ޕަބްލިކް އިންވެސްޓްމަންޓް ފަންޑަކީ ސައުދީ ސަރުކާރުގެ ސޮވެރިން ވެލްތު ފަންޑެވެ.
ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ހެޑްކުއާޓަރު ހުންނަ ޓަވަރަކީ 80 ފަންގިފިލާގެ ޓަވަރެކެވެ. އެ އިމާރާތުގެ އުސްމިނުގައި 385 މީޓަރު ހުރެއެވެ.
އެ އިމާރާތަށް މިދިޔަ ބުދަދުވަހުވެސް ހޫޘީން ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ. އެ ހަމަލާގައި ޓަވަރު ކައިރީގައި ހުރި އެހެން އިމާރާތްތަކަށްވެސް ގެއްލުން ލިބުނު ކަމަށް ސައުދީ ސިވިލް ޑިފެންސުން ބުނެފައި ވެއެވެ.
ޕަބްލިކް އިންވެސްޓްމަންޓް ފަންޑު ޓަވަރަށް ހޫޘީން މިއަދު ދިން ހަމަލާ، ސައުދީ ކޯލިޝަނުން ސިފަކޮށްފައިވަނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައެވެ.
ކުރިން ދިން ހަމަލާތަކުގައިވެސް އަދި މިއަދުގެ ހަމަލާތަކުގައިވެސް މީހަކަށް ކަމެއް ވީކަމެއް ސައުދީ ސިވިލް ޑިފެންސުން ނުބުނެއެވެ.
އަދި މިއަދުގެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ. އެކަމަކު މިއަދުގެ ހަމަލާގެ ފަހުން އެ އިމާރާތުން އަލިފާނާއި ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވަމުން އެބަދެއެވެ.
ހޫޘީންގެ ހަމަލާތައް ސައުދީ އަރަބިއްޔާގެ ރަށްތަކަށް އަމާޒުވަމުން ދާއިރު، ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ ގުޅިފައިވާ ލަޝްކަރުން ގެންދަނީ ޔަމަނުގެ ވެރިރަށް ސަންއާއަށާއި، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަންތަނަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

އިޝްތިހާރު އިޝްތިހާރު