މަދީނާއަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ.
ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މަލްކީ ވިދާޅުވީ، މަދީނާ ރީޖަންއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް، ސައުދީ ސިފައިންގެ އެއަރ ޑިފެންސްއިން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.
މަދީނާ ރީޖަންއަށް މިސައިލް ހަމަލާ ދިނުމުގެކުރިން، ސައުދީ އަރަބިއްޔާގެ ޔަންބުއަށް ނުރައްކާ އަންނަ ކަމުގެ އިންޒާރު، ސައުދީ ސިވިލް ޑިފެންސުން ނެރެފައި ވެއެވެ. އެހެން ނަމަވެސް، އެ އިންޒާރު ފަހުންވަނީ ނަގާފައެވެ.
ޔަމަނުގައި ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ރަށްތަކަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، ހޫޘީން ގެންދަނީ ސައުދީ ރަށްތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.
މީގެއިތުރުން، ޔަމަނުގެ ތައީޒް ސިޓީގައި ސައުދީ ސިފައިންނާއި، ޔަމަނު ސަރުކާރު ސިފައިންނާ ދެކޮޅަށް އެއްގަމުމަގުންވެސް ހޫޘީން ގެންދަނީ ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.
އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ގެންދަނީ ތައީޒްގެ އަލް ޖައުފުގައެވެ.
ހަމަލާތައް ވަރުގަދަވެ، ތައީޒް ސިޓީގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެގޮތުން، އެ ސިޓީ ކަބޯތަކެއްޗާއި، ތެލާއި، ބޭހާއި، ސާފު ބޯފެނަށް ޖެހިފައިވާ ކަމަށް، އދގެ އިދާރާތަކުން ބުނެއެވެ. މިހާތަލުގައި ތައީޒް އޮންނަތާ މަހެއްހާ ދުވަސް ވެއްޖެއެވެ.
އެ ސިޓީގެ އެތައް ލައްކަ އާންމުން ހާލުގައިޖެހި އަދި ބަލިމަޑުކަން ވަނީ ފެތުރެން ފަށާފައެވެ.
އެކަމާހެދި، ހަމަލާތައް ހުއްޓާލަން އެހީދޭ ޖަމާއަތްތަކުން ގެންދަނީ ގޮވާލަމުންނެވެ.
މަދީނާއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި މިސައިލެއް ވައްޓާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.