ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން، އަގުހުރި ގިނަ އިނާމުތަކެއް ލިބޭ އައު ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ ބީއެމްއެލް ކޮންވެންޝަނަލް އަދި ބީއެމްއެލް އިސްލާމިކްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ގެންގުޅޭ ފަރާތްތަކަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް އަގުހުރި ފައިދާތަކެއް ހޯދައިދިނުމެވެ.

ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެމެކްސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، އޮންލައިން ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު ކޯޑު މެދުވެރިކޮށް ހިންގާ މުޢާމަލާތްތައްވެސް ހިމެނޭނެ ކަމަށް ބޭންކުން މަޢުލޫމާތުދެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިއަކަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހާޑް ރޮކް ކެފޭ މޯލްޑިވްސްއިން ދެ މީހަކަށް ލިބޭ ޚާއްޞަ ރޭގަނޑުގެ ކެއުމަކާއި، މެކްބުކް އަދި އެޕަލް ވޮޗާއި އެއަރޕޮޑްސް ހިމެނޭ އެޕަލް ޓެކް ބަންޑަލްއެއް ހިމެނެއެވެ. މީގެ އިތުރުން ބ. ފުޅަދޫގައި ހުންނަ "ވިލާ މިއާ" ގައި ޗުއްޓީ ހޭދަކުރުމާއެކު އިތުރު ހަތަރު މީހުންނާއެކު ދެވޭ އެކްސްކާޝަން ދަތުރަކާއި، ރިސޯޓެއްގައި ދެ މީހަކަށް ލިބޭ ދެ ރޭގެ ޗުއްޓީގެ އިތުރުން މަންތާ ރޭ ބަލަން ދިއުމުގެ ފުރުޞަތުވެސް ހިމެނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ އެ ބޭންކުގެ ކާޑުތައް ބޭނުންކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މިފަދަ ތަފާތު އަދި ފާހަގަކޮށްލެވޭ ގިނަ ޕްރޮމޯޝަންތައް ސިލްސިލާކޮށް ކުރިއަށްގެންދާ ބޭންކެކެވެ.