ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 29 މިލިއަން ޑޮލަރުގެ ލޯނެއް ނެންގެވުމަށްފަހު ލޯނު އަނބުރާ ނުދައްކަވާތީ އެ ފައިސާ ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ރަހުނުކުރައްވާފައިވާ ތިން ރަށެއް ވިއްކައިލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސްއަށް ސިވިލް ކޯޓުން ދީފިއެވެ.

މޫސާގެ ކުންފުނި ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރަށް އޭނާގެ އަމިއްލަ ނަންފުޅުގައި އަދި ބޭފުޅުންކަމަށްވާ މުދުރިކަތު މޫސާއާއި ބުޝައިނަތު މޫސާގެ ނަމުގައި ރަހުނުކޮށްފައިވާ ތިން ރަށުގެ ބިމާއި އެ ބިންތަކުގެ ހެޑް ލީސް ވިއްކައިލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު ނެރުނު އަމުރެެއްގައެވެ.

ވިއްކައިލަން ހުއްދަދީފައިވަނީ ލ.ފަރެހާއި އެ ރަށުގައި ހަދަމުންދާ ރިސޯޓާއި، ލ.ބޮޑުހުރާގެ ހެޑް ލީސް ރައިޓްއާއި ލ.ކުޑަފަހަރެހުގެ ހެޑްލީސް ރައިޓެވެ. މި ރަށްތައް ވިއްކައިލަން ހުއްދަދިނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ސިވިލް ކޯޓުން ބޭންކަށް ދަރަނީގެ ގޮތުގައި ފައިސާ ދައްކަން ކުރި ހުކުމާ އެއްގޮތަށް ހެވީ ލޯޑުން ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.

އިޝްތިހާރު އިޝްތިހާރު

އެ އަމުރުގައި ބުނެފައިވާ ގޮތުން އެ ހުކުމާ އެއްގޮަތަށް ފައިސާ ނުދައްކައި ޖުމްލަ 29،500،217.87 ރުފިޔާ އޮތެވެ. އެ ފައިސާ ނުދައްކައި އޮތުމާ ގުޅިގެން ރަހުނުކޮށްފައިވާ މުދާ ވިއްކައިލުމުގެ ހުއްދައަށް ބީއެމްއެލްއިން އެދިފައިވެއެވެ. އަދި އެ މުދާ ވިއްކައިލުމަށް ރަހުނުކުރި ފަރާތްތަކުން އިއުތިރާޒުކޮށްފައިނުވެއެވެ.

ހައިކޯޓުން މިފަދަ މައްސަލަތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަަށް ރިއާޔަތްކުރައްވައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ނެރުއްވި އަމނުރުގައިވާ ގޮތުން ތިން މަސްދުވަހުގެ ތެރޭގައި މި ރަހުނުތައް ވިއްކައިލުމުގެ ހުއްދަ ބޭންކަށް ލިބިދެއެވެ.

ފުރަތަމަ މަހުގައި 46،633،000 ޑޮލަރަށް އަދި ދެވަނަ މަހުގައި 40،820،000 ޑޮލަރަށް ވިއްކައިލުމަށް ކޯޓުން ހުއްދަދީފައިވާއިރު، ފުރަތަމަ ދެ މަހު އެ މުދާ ނުވިއްކިއްޖެނަމަ ތިންވަނަ މަހުގައި 38،779،000 ޑޮލަރަށް ވިއްކައިލުމަށް ބޭންކުން ހުއްދަ ދީފައިވެއެވެ.

މި ތިން މަސް ތެރޭގައި އެ މުދާ ވިއްކައިލެވިއްޖެނަމަ އެކަން ކޯޓަށް އަންގައި، 10 ދުވަހުގެ ތެރޭގައި އެ މުއާމަލާތުން ލިބުނު ފައިސާ ކޯޓަށް ޖަމާކުރުމަށް ބީއެމްއެލްއަށް އަމުރުކޮށްފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަހުނުކުރި މުދާ ނުވިއްކޭނަމަ އެކަން މުއްދަތު ހަމަވާތާ ދިހަ ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންވާނެ ކަމުގައި އަމުރުގައި ބުނެފައިވެއެވެ.