ތަޢުލީމީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާޙުތަކަކީ ހަރުކަށި ފިކުރު ފެތުރުމަށް ނުވަތަ އަންހެން ކުދިން ތަޢުލީމުން މަޙްރޫމުކުރުމަށް ގެނައި ބަދަލުތަކެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ޙުސްނީ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިދިކޮޅު ފަރާތްތަކުން މި ބިލަށް ކުރިމަތިކުރި ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
މި އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ރައީސް ނަޝީދު ވަނީ، ހޯމްސްކޫލިންގެ ނިވަލުގައި ޒުވާނުން މަގުއޮޅުވާލުމަށް ޖާގަދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، އެއީ "ޖާރިޔާ ބިލެއް" ކަމުގައި ސިފަކުރައްވާފައެވެ. މީގެއިތުރުން، އެމްޑީޕީގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްވެސް ވަނީ މިއީ ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ދަރިން ގޭގައި ބައިތިއްބައިގެން އެ ފިކުރު އާލާކުރަން ލިބޭނެ ފުރުޞަތެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން ޙުސްނީ ވިދާޅުވީ، ހޯމްސްކޫލިން ހިންގާނީ ޤާނޫނުގެ ތެރެއިން ވަރަށް ބޮޑަށް ބެލެހެއްޓި، ކަނޑައެޅޭ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށެވެ. އަދި ކޮންމެ ކަމެއް އިސްލާމީ ކަންކަމާ ގުޅުވައިގެން، އެއީ ހަރުކަށި ފިކުރު ފެތުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ތަސައްވުރުކުރަން އުޅެނީ ކޮން ބޭނުމެއްގައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ގޮތުން ދަތިތައް ހުންނަ ކުދިންނަށް، އެސެސްމެންޓަކަށް ފަހު ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ. މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިއީ ސްކޫލަށް ގޮސްގެން ތަޢުލީމު ހާސިލުކުރަން އުނދަގޫވެފައިވާ އެތައް ދަރިވަރުންނަކަށާއި ބެލެނިވެރިންނަށް ލިބުނު ބޮޑު ތަސައްލީއެކެވެ.
ޑރ. އަނާރާ ވިދާޅުވި ގޮތުގައި މި ބިލަކީ ހުރިހާ ކުދިންނަށް ހަމަހަމަކަމާއެކު ތަޢުލީމުގެ ޙައްޤު ކަށަވަރުކޮށްދީ، އެއްވެސް ކުއްޖަކު ބާކީނުކޮށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ސަރުކާރުން އަޅާ ތާރީޚީ މުހިންމު ފިޔަވަޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.