ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުންވެސް މި ބިލުގައި ހިމެނެއެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި، ސްކޫލަށް ހާޒިރުވެ ތަޢުލީމު ހާސިލު ނުކުރެވޭ ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދެވިދާނެއެވެ. މީގެއިތުރުން، ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ، ހޯމް-ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެކަން ބިލުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުންވެސް ހިމެނެއެވެ.
ބިލުގައި ހިމަނާފައިވާ އިތުރު މުހިންމު ކަންކަމުގެ ތެރޭގައި، ސްކޫލްގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ތަޢުލީމީ ޤާނޫނަށް ގެނެވޭ މި ބަދަލުތަކުގައި، ދަރިވަރުންނާއި ބެލެނިވެރިންގެ ދައުރު ތަފްސީލުކޮށްދިނުމުގެ އިތުރުން، އެ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް ހުށަހަޅާފައިވާ ކަންކަންވެސް ހިމެނެއެވެ.
ދަރިވަރުންގެ ދައުރު ތަފްސީލުކުރަމުން ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ސްކޫލްގެ އިސްފަރާތްތަކާއި، މުދައްރިސުންނާއި، ބޮޑެތި މީހުންނަށް އިޚްތިރާމު އާދައަށް ގެނެވުމަށް މަސައްކަތްކުރުމަށް ބާރުއަޅާފައިވެއެވެ. އަދި މުދައްރިސުންނާއި، ސްކޫލްގެ މުވައްޒަފުންނާއި، ދަރިވަރުންނަށް ގޯނާގެ އެއްވެސް ޢަމަލެއް ނުހިންގުމާ، އެފަދަ ކަމެއްގައި ބައިވެރި ނުވުމަށާއި، ދަރިވަރުން ކިޔަވާ ސްކޫލްގެ ޤަދަރު ހިފެހެއްޓުން ފަދަ ކަންކަންވެސް އިތުރަށް ތަފްސީލުކޮށް ބިލުގައި ހިމަނާފައިވެއެވެ.
ހަމައެހެންމެ، ބެލެނިވެރިންގެ ޒިންމާތަކުގެ ތެރޭގައި، ސްކޫލަށް ދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދޭން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.