ހއ. މުރައިދޫގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އައު މިސްކިތުގެ ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ މިސްކިތުގެ ކޮލަމްތައް ގާއިމުކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން، މުރައިދޫގައި އަޅާ މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އަންހެނުންނާއި ފިރިހެނުންނަށްވެސް ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، ކީރިތި ޤުރުއާން ކިޔަވައިދޭ ކުލާސްތަކަކާއި، ލައިބްރަރީއެއްގެ އިތުރުން ޚާއްޞަ ހޯލެއްވެސް މި މިސްކިތުގައި ޤާއިމުކުރެވިގެންދާނެއެވެ. މި ވަސީލަތްތަކާއެކު ރަށުގައި އެކި ކަހަލަ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް ބޮޑު ތަނަވަސްކަމެއް ލިބިގެންދާނެއެވެ.
މުރައިދޫގައި މިހާރު ބޭނުންކުރަމުން އަންނަނީ 500 މީހުންގެ ޖާގައިގެ ވަރަށް ޒަމާންވީ މިސްކިތެކެވެ. ނަމަވެސް، އެރަށުގެ އާބާދީ 900 އަށްވުރެ މައްޗަށް އަރާފައިވުމުން، އެއް ޖަމާޢަތެއްގައި ނަމާދުކުރުމަށް ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މުރައިދޫ ކައުންސިލުގެ ރައީސް އަމްޖަދު މުޙައްމަދު ވިދާޅުވީ، މިހާރު ހުރި މިސްކިތަކީ މުންނާރެއްވެސް ނެތް ވަރަށް ކުރީގެ މިސްކިތެއް ކަމަށެވެ. އަދި ޖާގައިގެ ދަތިކަމުގެ އިތުރުން އެކި ކަހަލަ އުނދަގޫތައް ރައްޔިތުން ތަޙައްމަލު ކުރަމުންދާ ކަމަށާއި، ނަމަވެސް އަލަށް ތަރައްޤީ ކުރެވޭ މިސްކިތަކީ ރީތި މުންނާރަކާއެކު ޒަމާނީ ފެންވަރަށް ބިނާކުރެވޭ ހިތްގައިމު މިސްކިތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަންކޮށް، ދީނީ ކަންކަން ފުޅާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް ހުޅުވާލުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން މިހާރުވެސް ދަނީ ހިންގަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.