އދ. ކުނބުރުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، އެ ރަށުގައި ސައިޓް ސެޓަޕް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ ކުނބުރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ދައުލަތުގެ ބަޖެޓުން 67.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކުނބުރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މި މަޝްރޫޢުގެ ދަށުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ ގޮތުން 28،470.90 ކޮޑި މީޓަރުގެ ސަރަޙައްދަކުން ވެލި ކޮނުމާއި، 444 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ބަނދަރު ހިމާޔަތްކުރުމަށްޓަކައި 304 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 16 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުމާއި، ރޭގަނޑު ބަނދަރު ބަލަހައްޓައި އަލިކުރުމަށްޓަކައި 23 ބަނދަރު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އަދި މި މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެ ކުންފުނީގެ ޕްރޮޖެކްޓް ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.