ދެ ހަފްތާ ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް އަލުން ހުޅުވައިފިއެވެ.
ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް ބަންދުކުރީ ޔަމަނުގެ ހޫޘީން އެ އެއަރޕޯޓަށް އެކި ފަހަރުމަތިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެންނެވެ.
އެއަރޕޯޓަށް ދިން ވައިގެ ހަމަލާތަކުގައި އެތައްބަޔަކު މަރުވެ އެތައްބަޔަކު ޒަޚަމްވިއެވެ.
އެއަރޕޯޓް އަލުން ހުޅުވައި ޑޮމެސްޓިކް ފްލައިޓްތަކާއި، އިންޓަރނޭޝަނަލް ފްލައިޓްތަކުގެ އެތައް ދަތުރުތަކެއް މިއަދަށް ޝެޑިއުލްކޮށްފައި ވެއެވެ. އެގޮތުން، ޑުބާއީ، ޕެރިސް އަދި ގާރިހާރައިން ފްލައިޓްތަށް އެއަރޕޯޓަށް އަންނަ ގޮތަށްވެސް ޝެޑިއުލްގައި ވެއެވެ.
ބައެއް ފްލައިޓްތައް އެއަރޕޯޓުން ފުރާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބައެއް ފްލައިޓްތައް ކެންސަލް ކުރި ކަމަށްވެސް ބުނެފައި ވެއެވެ.
ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް އަލުން ހުޅުވިއިރު، ޔަމަނުގެ ހޫޘީން މިއަދުވެސް ވެރިރަށް ރިޔާޟަށް ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ. ރިޔާޟަށް ހަމަލާތައް އަމާޒުވާނޭ ކަމުގެ އިންޒާރުތައް ސައުދީ ކަމާބެހޭ ފަރާތްތަކުން އާންމުންނަށް ދެމުންވެސް ގޮސްފައި ވެއެވެ.
އަނެއްކޮޅުން، ސައުދީ އަރަބިއްޔާގެ ޚާމިސް މުޝައިތަށާއި، އަހަދް ރާފިދާއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ގޮއްވައި ވައްޓާލުމުގެ ތެރޭގައި އޭގެ ބައިތަކުން ޖެހި ދެމީހަކު ޒަޚަމްވެފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން ބުނެފައި ވެއެވެ.
ވެއްޓުނު ބައިތަކުން ޖެހި އާންމުން ދިރިއުޅޭ އިމާރާތަކާއި، 7 ވެހިކަލަށް ގެއްލުން ލިބުނު ކަމަށްވެސް ބުނެފައި ވެއެވެ.
ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ހޫޘީން މިއަދު ފޮނުވާލި 10 މިސައިލް ވައްޓާލާފައިވާ ކަމަށެވެ.
ދެހަފްތާއަށްފަހު ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް އަލުން ހުޅުވައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.