ހޫޘީންގެ އަތްދަށުން ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގިއްޖެކަމަށް، ޔަމަނުގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ އަސްކަރިއްޔާއިން އިއުލާން ކޮށްފިއެވެ.
އަސްކަރިއްޔާއިން މިކަން އިއުލާން މިކުރީ، ހޫޘީންނާ ދެކޮޅަށް ޔަމަނު ސަރުކާރުގެ ފައުޖުތަކުން “ޑޯން އޮފް ޔަމަން” ގެ ނަމުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.
ޔަމަނު ސަރުކާރުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް މާޖިދު އަބްދުﷲ އަލް ނުޒައިލީ ވިދާޅުވީ، ސަރުކާރަށް ތާއީދުކުރާ “ސަދަން ޖަޔަންޓްސް ބްރިގޭޑްސް” އަދި “ނޭޝަންސް ޝީލްޑް” ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކާމިޔާބު ކަމާއެކު ބާބުލް މަންދަބުގެ ކޮންޓްރޯލް ނެގިފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާބުލް މަންދަބް ސަރަހައްދުގައި ދެފަރާތުގެ ދެމެދުގައި ވަރުގަދައަށް މިހާރުވެސް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
ހަމަ އެއާއެކު ދުބާބް އެއަރޕޯޓްވެސް ސިފައިން ހިފާފައިވާ ކަމަށާއި، އެއަރޕޯޓް ހިފުމަށްފަހު ދުބާބާއި މުޚާއާ ދެމެދުގެ ހުރިހާ މަގުތަކެއްވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އަދި ދުބާބް ސަރަހައްދުގައި ތިބި ހޫޘީ ހަނގުރާމަވެރިން ވަށާލެވި، ހަތިޔާރު ބަހައްޓަން އެމީހުންނަށް މުހުލަތު ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ބައެއް ހަނގުރާމަވެރިން ބޯޓުތަކުގައި ކަނޑުމަގުން ފިލާފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ޔަމަނު ސަރުކާރުން ބުނެފައިވަނީ، ސިފައިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، އެކި ދިމަދިމާއިން ހޫޘީންގެ މަގާމުތަކަށް އެއްފަހަރާ ހަމަލާތައް ދިނުމަށް ކަމަށެވެ.
ޔަމަނު ސަރުކަރުގެ އެސިސްޓެންޑް ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް ސާމިރު އައް ސަބްރީ ވިދާޅުވީ، ޔަމަނުގެ ސިފައިންގެ މިސްރާބު މިހާރު ހުރީ ހޫޘީން ބަލިކޮށް މުޅި ޔަމަނުގެ ކޮންޓްރޯލް ނެގުމާ ދިމާއަށް ކަމަށެވެ.
ސަރުކާރު ސިފައިންގެ ހަމަލާތައް ވަރުގަދަވެ ބައެއް ސަރަހައްދުތަކުން ހޫޘީން ފިލާފައިވާ ކަމުގެ ރިޕޯޓްތައް ފެތުރެމުން ދާއިރު، ޔަމަނު ސަރުކާރުގެ ފައުޖުތަކަށް ސައުދީ އަރަބިއްޔާއިން އެހީވެދޭތީ ހޫޘީން ގެންދަނީ ސައުދީ ތަންތަނަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
ހޫޘީން މިއަދުވަނީ، ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ރައްކާތެރި ނޫން ކަމަށް ބުނެ، ސައުދީ ވައިގެ ސަރަހައްދަށް އެއްވެސް އެއަރލައިނެއްގެ މަތިންދާ ބޯޓެއް ނުވަނުމަށް އިންޒާރު ކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު