މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ، މީދޫ އަދި ފުވައްމުލައް ސިޓީގައި ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ އެމްޑަބްލިޔުއެސްސީގެ ޚިދުމަތް ހޯދަމުންދާ އެންމެހާ ކަސްޓަމަރުން ކުންފުނީގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީކުރުމާއި، ކަސްޓަމަރުންގެ އެންމެ ފަހުގެ މަޢުލޫމާތުތައް އަދާހަމަކުރުމަށް ބާރުއެޅުމެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި ޙަރަކާތުގެ ތެރެއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދެމުންދާ ޚިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި ކެމްޕޭނުގެ ދަށުން ގޭގެޔަށް ޒިޔާރަތްކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގެ އަވަށްތަކުގައާއި ހުޅުދޫ، މީދޫ އަދި ފުވައްމުލައް ސިޓީގެ އެކި ސަރަޙައްދުތަކުގައި ޚާއްޞަ ރޯޑްޝޯތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައިކަމަށް އެކުންފުނިން ބުންޏެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް މަޢުލޫމާތު އަދާހަމަކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން https://mwsc.jotform.com/262923659270868 މި ލިންކުގައިވާ ފޯމު މެދުވެރިކޮށް މަޢުލޫމާތު އަދާހަމަކުރެވޭނެކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި ކެމްޕޭނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.