އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ކުންފުނީގެ ފުރަތަމަ ބިލިން ސައިކަލުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކައިގެ ބެލުމުގެ ދަށުގައިވި މި ދެ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެއާއެކު، މީޓަރު ރީޑިންގ ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ގޭބީސީތަކަށް ޒިޔާރަތްކުރަމުންދާތީ، އެ މުވައްޒަފުންނަށް ފަސޭހައިން މީޓަރު ހުރި ސަރަހައްދުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، އާންމުންގެ އެއްބާރުލުން ދިނުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.

ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ހޯދުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ރަޖިސްޓްރީކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި އައްޑޫ ސިޓީ ފޭދޫގައި އަދި ފުވައްމުލަކު ސިޓީގެ މިސްކިތްމަގުގައި ވަގުތީ ކަސްޓަމަރ ސާވިސް ކައުންޓަރުތައް ވަނީ ޤާއިމުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ފެނަކަ ކޯޕަރޭޝަން އުވާލައި، ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އައްޑޫއާއި ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާވެސް ދާދިފަހުން ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ.