ދިވެހި ދައުލަތަށް ތިރީސް އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ހަތަރު މުވައްޒަފަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު އަރުވައިފިއެވެ.
މި އިނާމު އެ ބޭފުޅުންނަށް އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ކުންފުނީގެ މުވައްޒަފުންތަކަކަށް މިފަދަ މަތިވެރި ޤައުމީ އިނާމެއް ލިބިގެންދިއުމަކީ އެމްޑަބްލިއުއެސްސީއަށް ލިބުނު ފަޚުރެއްގެ އިތުރުން ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
މި ޝަރަފުވެރި އެވޯޑު ހާސިލުކުރެއްވި ހަތަރު މުވައްޒަފުންނަކީ ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރ މުޞްޠަފާ ޙަސަން، އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވް އާމިނަތު ރަޝީދާ، ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރ މުޙައްމަދު ޢަލީ އަދި މީޓަރ ރިޕްލޭސްމަންޓް އޮފިސަރ މުޙައްމަދު އިޔާޟެވެ.
މީގެ ތެރެއިން މުޞްޠަފާ ޙަސަނާއި، އާމިނަތު ރަޝީދާގެ އިތުރުން މުޙައްމަދު ޢަލީ ވަނީ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ. އަދި މުޙައްމަދު އިޔާޟް ވަނީ 38 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެ ބޭފުޅުން ކުންފުންޏަށާއި ޤައުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ފަރާތުން އެ ބޭފުޅުންނަށް ވަނީ ހޫނު މަރުޙަބާއަކާއި ޝުކުރު އަދާކޮށްފައެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމަކީ، ސަރުކާރުގެ އިދާރާތަކުގައާއި ކުންފުނިތަކުގައި ވަފާތެރިކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ދެއްވާ އެންމެ މަތިވެރި އެއް ޝަރަފެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.