ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ހުޅުދޫ އަދި މީދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމްޑަބްލިޔުއެސްސީން ރަސްމީކޮށް ހަވާލުވެ، ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފެށުމަށް ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު، ފެން މީޓަރުތަކުގެ ރީޑިންގ ނެގުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި އިމާރާތްތަކަށް ޒިޔާރަތްކުރަން ފަށާނެއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ތިބޭނީ ކުންފުނީގެ ރަސްމީ ޔުނިފޯމުގައެވެ. އެހެންކަމުން، މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްޑަބްލިޔުއެސްސީން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުވަމުންދާ މި މަރުހަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި މެދުކެނޑުމެއްނެތި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް ހޯދުމަށްޓަކައި، ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑުކޮށް އެކައުންޓް ރަޖިސްޓަރީ ކުރުމަށް އެމްޑަބްލިޔުއެސްސީން އިރުޝާދުދެއެވެ. މި އެޕްލިކޭޝަން އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމުތަކުން ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.
ކަސްޓަމަރުންނަށް ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދެ ސިޓީގައި މިހާރު ވަނީ ވަގުތީ ކަސްޓަމަރު ސަރވިސް ކައުންޓަރުތަކެއް ގާއިމުކޮށްފައެވެ. މިގޮތުން، އައްޑޫ ސިޓީގައި ޚިދުމަތް ދެމުންގެންދާނީ ފޭދޫގެ ހިރިޔާ މަގުގައި ހުންނަ އޮފީހުންނެވެ. އަދި ފުވައްމުލަކު ސިޓީގައި ޚިދުމަތް ދޭނީ ނައިބުތުއްތު ހިނގުމާއި މިސްކިތް މަގު ގުޅޭ ސަރަހައްދުގައި ހުންނަ އޮފީހުންނެވެ.
މި ބަދަލުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެއެވެ. އަދި ކުންފުނީގެ ރަސްމީ އީމެއިލް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.