ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވިދުންގަދަ އެއް ތަރި ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލިކަން އިޢުލާނުކޮށް މުޅި ފުޓްބޯޅަ ދުނިޔެ ސިއްސުވާލައިފިއެވެ.
ދެ ދަހަރު ނުވަތަ ވިހި އަހަރަށްވުރެ ދިގު މުއްދަތެއްގެ ކާމިޔާބު ކެރިއަރަކަށްފަހު، ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ތަޖުރިބާކާރު ފޯވާޑް މި ނިންމުން ހާމަކޮށްފައިވަނީ ޤައުމީ ޓީމުގެ ކުރިއަށް އޮތް ސްކޮޑު އިޢުލާނުކުރުމަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ.
މިއަދު ހެނދުނު ރޮނާލްޑޯ މި ނިންމުން އިޢުލާނުކުރީ ކޯޗު ޖޯޖް ޖީސަސް ހުކުރު ދުވަހު ސްކޮޑު އިޢުލާނުކުރުމުގެ ކުރިންނެވެ. މިއާއެކު، އޯގަސްޓް 2003 ގައި ފެށިގެން ދިޔަ 23 އަހަރުގެ ދިގު ތާރީޚީ ދަތުރަށް ވަނީ ނިމުމެއް އައިސްފައެވެ. އޭނާ ޤައުމީ ޓީމުގެ ޖާޒީ ބާލާފައިވަނީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ކުޅެ (234 މެޗު)، އަދި ދުނިޔޭގެ ރެކޯޑު އަދަދެއް ކަމަށްވާ 146 ލަނޑު ޤައުމީ ޓީމަށް ކާމިޔާބުކޮށްދިނުމަށް ފަހުގައެވެ.
މި ނިންމުމާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރި އަސަރުގަދަ ބަޔާނެއްގައި ރޮނާލްޑޯ ބުނެފައިވަނީ، މިއީ އަހަރެމެން އެންމެންގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީ އަނބުރާ ޙަވާލުކުރަންވީ ވަގުތު ކަމަށެވެ. އެ ޖާޒީއަކީ ހަމައެކަނި އޭނާގެ މިލްކެއްގެ ގޮތުގައި ދުވަހައަކުވެސް ނުދެކޭ ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 23 އަހަރު އެ ޝަރަފާއި ޒިންމާ އުފުލުމުގެ ފުރުޞަތު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މިއީ ހަމައެކަނި ސިކުނޑިން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިފަދަ ނިންމުންތަކަކީ ހިތުގެ އިޙްސާސްތަކާ ވެސް ގުޅިފައިވާ އުނދަގޫ ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ބަޔާންކުރި ގޮތުގައި، ޤައުމީ ޓީމުގެ ކެރިއަރަށް ފަސްއެނބުރި ބަލައިލާއިރު އޭނާއަށް ފެންނަނީ ހަމައެކަނި ކުޅުނު މެޗުތަކާއި، ޖެހި ލަނޑުތަކާއި، ހޯދި ތަށިތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ ބޮޑަށް ފެންނަނީ ސަޕޯޓަރުންނާއި، ޚާއްޞަކޮށް ޤައުމުން ބޭރުގައި ދިރިއުޅޭ، 90 މިނެޓުގެ މެޗަކުން ޤައުމާ ގާތްކަން އިޙްސާސްކުރި މީހުންނެވެ. އޭނާ އަބަދުވެސް މަސައްކަތްކުރީ އެންމެ މަތީ ދަރަޖައަށް ވާޞިލުވެ، ޤައުމަށްޓަކައި ހުރިހާ އެއްޗެއް ޤުރުބާންކުރުމަށް ކަމަށާއި، ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ އުފާވެރި މޮޅުތަކުގެ އިތުރުން މިއަދުވެސް ހިތަށް ތަދުވާ ފަދަ ހިތްދަތި ބަލިވުންތައް ތަޙައްމަލުކުރަން ޖެހުނު ކަމަށް އޭނާ ހާމަކުރިއެވެ.
ރެކޯޑުތަކާއި ކާމިޔާބީތަކަށްވުރެ ބޮޑަށް ރޮނާލްޑޯ އަގުވަޒަންކުރީ ސަޕޯޓަރުންގެ ހިތްތަކުން އޭނާއަށް ލިބުނު ޖާގައަށެވެ.
ލަނޑުތައް ހަނދާން ނެތިދާނެ، ޓްރޮފީތައް ހުންނާނީ ދާރުލްއާސާރުތަކުގައި، އަދި ރެކޯޑުތައް މުގުރޭނެ. އެކަމަކު ވަގުތަށްވެސް ފޮހެނުލެވޭނެ އެއްކަމެއް އޮވޭ: އެއީ އެންމެންގެ ހިތްތަކުގައި އަހަރެމެންނަށް އޮންނަ ލޯތްބާއި ޤަދަރު،
ރޮނާލްޑޯ ލިޔެފައިވެއެވެ.
ބަޔާން ނިންމާލަމުން ރޮނާލްޑޯ ވަނީ އޭނާއާއެކު ކުޅުނު ހުރިހާ ކުޅުންތެރިންނަށާއި، ކޯޗުންނަށާއި، އޮފިޝަލުން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. ދަނޑުމަތިން އޭނާގެ ދައުރު ނިމުނު ނަމަވެސް، ދެން ހުންނާނީ ސަޕޯޓަރެއްގެ ގޮތުގައި ސްޓޭންޑުގައި ކަމަށާއި، ޤައުމީ ޓީމު ހޯދާ ކޮންމެ ކާމިޔާބީއެއް ފާހަގަކުރުމުގައި ޢާންމު ރައްޔިތެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ޔަޤީންކަން ލެޖެންޑް ވަނީ ދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.