ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް، ކްރިސްޓިއާނޯ ރޮނާލްޑޯ އިއްޔެ ނެރުނު ބަޔާނާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.
ރޮނާލްޑޯ ނެރުނު ބަޔާނުގައި ޑެންމާކް ކޭމްޕްގެ ތެރޭގައި އެ ދެމެދުގައި ހިނގާދިޔަ ކަންތައްތަކުގެ ތަފުސީލު ވަނީ ހާމަކޮށްފައެވެ. އެ ދެމެދުގައި އުފެދުނު ދެބަސްވުންތަކަށްފަހު، އަލް ނަޞްރުގެ ތަރި ވަނީ ކޭމްޕް ދޫކޮށް ގޮސްފައެވެ.
ރޮނާލްޑޯގެ ބަޔާނުގައި ޖީސަސްއަށް ތުހުމަތުކޮށްފައިވަނީ، ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި އޭނާ ބޭނުންކުރާނެ ގޮތާ މެދު ވެފައިވާ އެއްބަސްވުމާ ކޯޗު ޚިލާފުވެފައިވާ ކަމަށެވެ.
ޕޯޗުގަލްގެ ނޫހެއް ކަމަށްވާ ‘ރެކޯޑް’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮނާލްޑޯގެ ބަޔާނާ ގުޅޭގޮތުން ޖީސަސް މިއަދު ހެނދުނު ވަނީ ވާހަކަދައްކާފައެވެ.

އަހަރެން އެ ބަޔާން ކިޔައިފިން. އަހަރެންގެ ވިސްނުން ހުރީ ޓީމާއި ޕޯޗުގަލްގެ ގައުމީ ޓީމާ މެދު. އެނޫން އިތުރު ވާހަކައެއް ދައްކާކަށް ނެތް.
އޭނާގެ ގޭގެ ބޭރުގައި މަޑުކޮށްގެން ތިބި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޯޗުގަލްގެ ކޯޗު ބުންޏެވެ.
ރޮނާލްޑޯގެ ދިގު ބަޔާނުގައި އޭނާ ވަނީ ޕޯޗުގަލްގެ ރައްޔިތުންގެ ކިބައިން މާފަށް އެދި، ޕޯޗުގަލް ފުޓްބޯޅަ ފެޑަރޭޝަނުން އޭނާއަށް ދޭ ކޮންމެ އަދަބެއް ހައްގުވާނެ ކަމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން، ދެބަސްވުން އުފެދެން މެދުވެރިވި ސަބަބުތައް ކިޔައިދެމުން ރޮނާލްޑޯ ބުނީ، ކޯޗުގެ އެދުމުގެ މަތިން އޭނާއަށް ކުރު ލިޔުމެއް ހަވާލުކުރި ކަމަށެވެ. އެ ލިޔުމުގައި 8 ނުކުތާއެއް ހިމެނޭ ކަމަށާއި، ޑެންމާކް މެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޖީސަސް އެ ނުކުތާތަކަށް އަލިއަޅުވާލުމަށް އެއްބަސްވި ނަމަވެސް، މީޑިއާގެ ކުރިމަތީގައި އޭގެން އެއްވެސް ކަމެއް ހާމަކޮށްފައިނުވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.
ޖީސަސް އިއްޔެ ބުނެފައިވަނީ އޭނާ އެ ބަޔާން ނުކިޔާ ކަމަށެވެ. ބަޔާން އާންމުވި ވަގުތު އޭނާ ހުރީ ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމުގެ މެޗެއް ބަލާށެވެ. ނަމަވެސް، އެފަދަ ބަޔާނެއް ނެރުނުކަން އެނގޭ ކަމަށް އޭނާ އޭރު ވަނީ އެއްބަސްވެފައެވެ.










ކިޔުންތެރިންގެ ހިޔާލު