ވަކި އެއްޗެއް ނާންގައި ޕޯޗުގަލްގެ ގައުމީ ޓީމު ދޫކޮށް ދިޔައީ، ޓީމުގެ ކޯޗު ޖޯޖް ޖެސޫސް ތަކުރާރުކޮށް ވީ ވައުދުތަކަށް އިހްތިރާމު ނުކުރުމުން ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ހުސްވި ހަފުތާގައި ނޯވޭ އަތުން 2-1 އިން ޕޯޗުގަލް މޮޅުވި މެޗަށް ފަހު، ރޮނާލްޑޯ ވަނީ ކުއްލި ގޮތަކަށް ޓީމު ދޫކޮށް ސްޕޭނަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ މިހާރު ހުރީ ސައޫދީ ލީގުގައި ކުޅުމަށް އެ ގައުމުގައެވެ.
މި މައްސަލައާ ގުޅިގެން ރޮނާލްޑޯ ނެރުނު 2،000 ބަހުގެ ބަޔާނުގައި ބުނެފައިވަނީ، މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގެ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ އަދި ފަހު މެޗުގައި އޭނާ ލައްވައި ކުޅުވައި، އަނެއް ދެ މެޗުން ބާކީކުރަން ކޯޗު ކުރިން ރޭވި ކަމަށެވެ. ނަމަވެސް އޭނާގެ ފިޓްނަސްއާ ގުޅުވައިގެން ދެއްކި އެ ވާހަކަތަކަށް އޭނާ ދެކޮޅު ހެދުމުން، ކޯޗު އޭނާގެ ގެއަށް އައިސް ބައްދަލުކޮށް ކޮންމެ މެޗެއްގައި ވެސް ފުރުސަތު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުރަތަމަ ހުށަހެޅީ ޑެންމާކާއި ނޯވޭ މެޗުގައި އަހަރެން ލައްވާ ނުކުޅުވަން. އެކަމަށް އަހަރެން އިންކާރު ކުރީމާ ފަހުން ހުށަހެޅީ އެ ދެ މެޗުގައި ވެސް އަހަރެން ޓީމުގައި ހިމަނަން. އަދި ކޯޗު އަހަރެން ގާތުގައި ބުނެފައި އޮތީ އަހަރެން ލައްވައި ނޯވޭ މެޗުގެ 30 މިނިޓް ކުޅުވާނެ ކަމަށް. އެކަމަކު ވޯމްއަޕް ކުރުވާފައި އަހަރެންނަށް ފުރުސަތު ނުދިން. އޭގެ ކުރީ މެޗުގައި އަހަރެން ބަދަލު ކުރި، އެކަމާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ޓީމުން ފުރުސަތު ނުދީ ހުރެފައި އެންމެން ކާން ތިއްބައި އެސިސްޓެންޓް ކޯޗު އައިސް ބުނީ ކޯޗު އަހަރެންނާ ވާހަކަ ދައްކަން ބޭނުމޭ. މި ހިސާބުން އަހަރެން ނިންމީ ގައުމީ ޓީމުން ދާން.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ތަޖުރިބާކާރު ފޯވަޑް ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، ކުޅުންތެރިންނަށް އަރާމު ބޭނުންވާނެކަން ގަބޫލުކުރި ނަމަވެސް، އޭނާގެ ފިޓްނަސް ދަށް ކަމަށް ބުނެ ވަކި މެޗުތަކަކުން ބާކީކުރަން ހުށަހެޅި ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މިއީ ކޯޗު އޭނާގެ ބަހަށް އިހްތިރާމް ނުކުރި ދެވަނަ ފަހަރު ކަމަށް ވެސް ރޮނާލްޑޯ ފާހަގަކުރިއެވެ.
އަހަރެން ގައުމީ ޓީމުން ދިޔައީ އިތުރަށް އޭނާ އަހަރެންނާ ވާހަކަ ދައްކައި އައު ކަށަވަރު ކަމެއް ދިނުމުގެ ކުރިން. މިކަމާ ގުޅިގެން އަހަރެން ޕޯޗުގަލް ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލާނަން. އަހަރެން ކުލަބުގައި ރަނގަޅަށް ކުޅެ ގޯލް ޖެހޭހައި ދުވަހަކު އަހަރެން ގައުމީ ޓީމަށް ހިދުމަތް ކުރާނަން. އަހަރެން މި ހުރީ މި ހިނގައިދިޔަ ކަންކަން ބެލުމަށްފަހު ޕޯޗުގަލް ގައުމީ ޓީމުން އަހަރެންނަށްދޭ ކޮންމެ އަދަބަކަށް ފަހު އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް.
ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ހާމަކުރި ގޮތުގައި، ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް އެފްއޭގެ ރައީސް އޭނާއަށް ގުޅައި ގައުމީ ޓީމުގައި ހުރުމަށް އެދުނު ކަމަށާއި، އައު ކޯޗަކަށް ގެންނަން ރަނގަޅީ ކާކުތޯ އެހުމުން އޭނާ ތާއީދުކުރީ ވެސް ޖޯޖް ޖެސޫސް ގެނައުމަށެވެ. އަދި އެ ނިންމުމާމެދު އޭރު ވަރަށް އުފާކުރި ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި ކޯޗު ޖޯޖް ޖެސޫސް ބުނެފައިވަނީ ރޮނާލްޑޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ގައުމީ ޓީމުން އަދިވެސް އޭނާއަށް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ނޯވޭ މެޗުގައި ރޮނާލްޑޯ ނުކުޅުވުނީ، އެ މެޗުގައި ގޮންޒާލޯ ރާމޯސް ގޯލު ޖަހައި މޮޅަށް ކުޅެމުން ދިއުމުން މެޗުގެ އޮއިވަރު ދިޔަ ގޮތުން ކަމަށް ކޯޗު ވަނީ ބުނެފައެވެ.










ކިޔުންތެރިންގެ ހިޔާލު