މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހއ. އަތޮޅުގައި ހިންގަމުން އަންނަ ފިންލިޓް ފެސްޓް ޕްރޮގްރާމުގެ ތެރެއިން ހއ. ވަށަފަރުގައި މިއަދު ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން ރަށުގެ ޖަމްއިއްޔާތައް ގުޅިގެންނެވެ. ރަށުގެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވި މި ހަވީރަށް ފާހަގަކޮށްލެވޭ ތަރުހީބެއް ލިބުނުކަން އެމްއެމްއޭއިން މައުލޫމާތުދެއެވެ.
ނޮވެމްބަރު 2026، ހއ. ވަށަވަރުގައި ބޭއްވި އެމްއެމްއޭ ފިންލިޓް ފެސްޓް ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ އެމްއެމްއޭއެކި ކުޅިވަރުތަކާއި މަޖާ ހަރަކާތްތައް ހިމެނުނު މި ހަވީރުގައި، ޅައުމުރުން ފެށިގެން ފައިސާއާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް މާލީ ތައުލީމުގެ މައުލޫމާތު ފޯރުކޮށްދިނެވެ. މީގެ އިތުރުން ފައިސާގެ ތާރީހު ދައްކައިދިނުމަށް ވެސް ހާއްސަ ސްޓޯލެއް ގާއިމުކޮށް، އެ ސްޓޯލް މެދުވެރިކޮށް ކުދިންނަށް މައުލޫމާތު ދިނެވެ. ބައިވެރިވި ކުދިންނަށް ގިފްޓް ކާޑާއެކު އެކިއެކި އިނާމުތައް ވެސް ހަދިޔާކުރެވުނެވެ.
ފިންލިޓް ފެސްޓް ޕްރޮގްރާމުގެ ދަށުން ހއ. އަތޮޅުގެ ޖުމުލަ ހަ ރަށެއްގައި އެމްއެމްއޭއިން މާލީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.