ރާއްޖޭގެ ވެރިކަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު، ޤައުމުގެ މާލީ ޙާލަތު އޮތީ ބޭރުގެ މާލީ އިދާރާތަކުން ބަނގުރޫޓުވެދާނެކަމުގެ އިންޒާރު ދޭ މިންވަރަށް ނާޒުކުވެފައެވެ. އެ ދަނޑިވަޅުގައި ދަޢުލަތުގެ ޖުމްލަ ދަރަނި 119 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ. މިއީ މާޒީގައި ޢުމްރާނީ ތަރައްޤީއަށް ނެގި ދަރަނިތަކުގެ އިތުރުން، ބަޖެޓުގެ ދަރަނި ފޫބެއްދުމަށް އެކި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ސަބަބުން ކުރިމަތިވި ޙާލަތެކެވެ.

finance ministry

ނަމަވެސް، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ އިތުރު ދަރަންޏަކަށް ބަރޯސާނުވެ، ކުރީގެ ބޮޑެތި މާލީ އިލްތިޒާމުތައް އަދާކުރުމަށް އިސްކަންދީފައެވެ.

އޭގެ ތެރޭގައި އެންމެ ބޮޑު އެއް ކަމަކަށް ފާހަގަކުރެވެނީ ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. މި ދަރަނި ޚަލާޞްކުރުމަށްޓަކައި، އިންޓްރެސްޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު މިއަހަރުގެ އެޕްރީލް މަހު ވަނީ ދައްކާފައެވެ. އެ ފައިސާ ދެއްކީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 350 މިލިއަން ޑޮލަރާއި ދަޢުލަތުގެ ރިޒާވް ބޭނުންކޮށްގެން ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

އިޝްތިހާރު އިޝްތިހާރު
MMA

މީގެއިތުރުން، އެމެރިކާގެ ކާގިލް ފައިނޭންސްއިން ބަޖެޓު ފޫބެއްދުމަށް ނަގާފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނަށް، އިންޓްރެސްޓާއެކު 126 މިލިއަން ޑޮލަރު ހޭދަކޮށް މިދިޔަ އަހަރުގެ މާރިޗު މަހު ވަނީ ފުރިހަމައަށް އަދާކޮށްފައެވެ. ހަމައެއާއެކު، އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ކުރީގެ ސަރުކާރުން ދައްކަންޖެހި ނުދެއްކި އޮތް 150 މިލިއަން ޑޮލަރުގެ ބޮންޑު ވެސް ތިން ބަޔަކަށް ބަހާލައިގެން މިއަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ވަނީ ދައްކާ ނިންމާފައެވެ. އަދި ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެއްސެވި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ވެސް ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ދައްކާފައެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުން މިހާތަނަށް ވަނީ 1.29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަސް އަހަރުގެ ދައުރުގައި އަދާކުރީ 953 މިލިއަން ޑޮލަރެވެ. އަދި އޭގެ ކުރިން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައްކާފައިވަނީ 418 މިލިއަން ޑޮލަރެވެ.

ދަރަނިތައް މާލީ ތާވަލާ އެއްގޮތަށް ދައްކަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް އަދި މޫޑީސްއިން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، ރޭޓިންތައް ވަނީ ރަނގަޅުކޮށްފައެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދައި، ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ދަރަނި އަދާކުރުމުގައި މިހާތަނަށް ގެންގުޅުނު ސިޔާސަތުތަކަކީ މި ވެރިކަމުގައި ހާސިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.