މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހިނގަމުންދާ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.2 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާއިން އާއްމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ހަފުތާއަކު އެއްފަހަރު އެ ވުޒާރާއިން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު ސެޕްޓެންބަރު ތިންވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.73 ބިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 27.04 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ނިމުނު އަހަރު ލިބުނު މިންވަރަށްވުރެ އިތުރަށް 1.69 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެެ. ޓެކްސް އާމްދަނީގެ ގޮތުގައި 22.35 ބިލިއަން ރުފިޔާ މި އަހަރު ލިބުނެވެ. ނިމުނު އަހަރު ޓެކުހުގެ ގޮތުގައި ލިބުނީ 20.61 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު ދެ ބިލިއަނެއްހާ ރުފިޔާއިން އިތުރުވެފައިވެއެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުސް އާމްދަނީގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކާއި މުދަލުން ނަގާ ޓެކުހެވެ. ޓީޖީއެސްޓީގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ މި އަހަރު ލިބުނެވެ. މިއީ 2025 ވަނަ އހަަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ 248 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އިމްޕޯޓ ޑިއުޓީގެ ގޮތުގައި 2.35 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ނިމުނު އަހަރު އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީއަށްވުރެ 14.1 އިންސައްތަ އިތުރު އަދަދެކެވެ. ގާތްގަނޑަކަށް 291 މިލިއަން ރުފިޔާ އިތުރަށް މި އަހަރު ލިބުުކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.
ޖީއެސްޓީގެ ގޮތުގައި މި އަހަރު ލިބުނު 3.68 ބިލިއަން ރުފިޔާއަކީ ނިމުނު އަހަރު އާއްމު މުދަލާއި ހިދުމަތުގެ ޓެކުހުން ލިބުނު އާމްދަނީއަށްވުރެ 3.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 1.51 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 1.9 އިންސައްތަ އިތުރު އަދަދެކެވެ.
އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.9 އިންސައްތަ އިތުރުވެ، 1.22 ބިލިއަން ރުފިޔާއިން 1.32 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު ފައިސާ 7.4 އިންސައްތަ އިތުރުވެ، 1.25 ބިލިއަން ރުފިޔާއިން 1.34 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 5.87 ބިލިއަން ރުފިޔާއެވެ. އެހީގެ ގޮތުގައި ލިބުނު ފައިސާ ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާއިރު ހިލޭ އެހީގެ ގޮތުގަައި ލިބުނީ 499.1 މިލިއަން ރުފިޔާއެވެ. ނިމުނު އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ 252.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.










ކިޔުންތެރިންގެ ހިޔާލު