މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބާއްވަމުން ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން މިއަދު ހއ. ދިއްދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ދިއްދޫގައި ބޭއްވި ހަރަކާތުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވިއިރު، ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް ދީފައިވެއެވެ. މީގެ އިތުރުން ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި، ފަހަށް ރައްކާކުރުން ފަދަ މުހިންމު ކަންތައްތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީގޮތުން ހޭލުންތެރި ކުރުމުގެ ހަރަކާތްތައްވެސް މި ހަވީރުގައި ކުރިއަށް ދިޔައެވެ. އަދި ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލަކާއެކު ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކިއެކި ފައިސާ ފޮއްޗާއި، ފައިސާ ނޫޓުތަކުގެ މައުލޫމާތު ބައިވެރިންނަށް ދީފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓު ކާޑު ހިމެނޭހެން ތަފާތު އިނާމުތައް ދީފައިވާއިރު، ގްރޭންޑު ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ދިނެވެ.
މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެމްއޭއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ބައިވެރިވިއެވެ. އަދި މިކަމުގައި ދިއްދޫގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ، މާދަމާ ހއ. ވަށަފަރުގައެވެ. މީގެ އިތުރުން ފިންލިޓް ފެސްޓުގެ ދަށުން ހއގެ 6 ރަށެއްގައި މާލީ ހޭލުންތެރިކަމާބެހޭ ސެޝަންތައް ކުރިއަށްދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.