ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހޭ 3 މެންބަރުންގެ ތެރެއިން، ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުގެ މަޤާމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކުރިމަތިލައްވާފައިވާތީ އެއީ އިންތިޚާބުވެފައިވާ މެންބަރެއް ކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހު އޮންނާނީ ރަށު ކައުންސިލަރުންގެ މެންބަރާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރު ހޮވުމުގެ ވޯޓުލުމެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. މި އިންތިޚާބުގައި 625 ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ 182 ރައީސުން ހިމެނޭހެން ޖުމްލަ 807 ފަރާތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ވޯޓުލުން ކުރިއަށްދާނީ އެލްޖީއޭއާއި އަތޮޅުތަކުގައިވާ ސަރުކާރުގެ ޚިދުމަތް މަރުކަޒުތަކުގެ އިތުރުން ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި ބަހައްޓާ 19 ވޯޓުފޮށީގައެވެ.
ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓު ތެރޭގައި ގުނަން ފަށައި، ހޮނިހިރު ދުވަހުގެ ރޭ ވަގުތީ ނަތީޖާ އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.